އައްޑޫ ސިޓީ މީދޫގައި އުފައްދާ ދަނޑުވެރިކަމުގެ އުފެއްދުންތަކާއި އާންމުންގެ އަމިއްލަ ތަކެތި ފަސޭހަކަމާއެކު މާކެޓްކޮށް ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، އެ ރަށުގައި ”ދަނޑުވެރިންގެ މާރުކޭޓު“ ގެ ނަމުގައި ޚާއްސަ މާރުކޭޓެއް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މިއަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މީދޫގައި ކުރިއަށްގެންދާ ޚާއްސަ ހަރަކާތްތަކުގެ ތެރެއިން މި މާރުކޭޓު ހުޅުވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.
މީދޫ ކައުންސިލުގެ އިސްނެގުމާއެކު ގާއިމުކުރި މި މާރުކޭޓުގެ ޚިދުމަތް ކޮންމެ ހަފުތާއެއްގެ ބަންދު ދުވަސްތަކުގައި ”ވީކެންޑް މާކެޓް“ ގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މިއީ ރަށުގެ ދަނޑުވެރިންނާއި އާންމު ރައްޔިތުންގެ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދިނުމުގެ މަގުސަދުގައި ފެށި ހަރަކާތެކެވެ.
މާރުކޭޓު ހުޅުވުމުގެ ރަސްމިއްޔާތުގައި މީދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞާޘިރު ވިދާޅުވީ، މިއީ ރަށުގެ ދަނޑުވެރިންނަށް ކުރިއެރުން ހޯދައިދީ އެމީހުންގެ ބޭނުންތައް ފުއްދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި މާރުކޭޓުގެ ސަބަބުން ތަރުކާރީއާއި މޭވާގެ އިތުރުން ގޭގޭގައި ހައްދާ ގަސްގަހާގެއްސާއި އަމިއްލައަށް ތައްޔާރުކުރާ ތަފާތު ކާބޯތަކެތި ވިއްކުމުގެ މަގު ފަހިވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސާޘިރު އިތުރަށް ވިދާޅުވީ ކައުންސިލްގެ އަބަދުވެސް އަމާޒަކީ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފަހި ފުރުސަތުތަކެއް ހޯދައިދިނުން ކަމަށާއި، މީގެ ފަހުން ކޮންމެ ހަފުތާ ބަންދެއްގައިވެސް މި މާރުކޭޓު ކުރިއަށްދާނެ ކަމަށެވެ.
މި މާރުކޭޓުގައި ބައިވެރިވި ދަނޑުވެރިން ވަނީ އުފެއްދުންތައް ވިއްކުމަށް މިފަދަ ފުރުސަތެއް ލިބުމުން އެކަމަށް އުފާކޮށް، ކައުންސިލްގެ އިސްނެގުމަށް ތައުރީފުކޮށްފައެވެ. ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ މީދޫގައި މިފަދަ މާރުކޭޓެއް ގާއިމުކުރުމަކީ ރަށުގެ އިގްތިސާދަށް އިތުރު ދިރުމެއް ލިބި، ރައްޔިތުންގެ ފުދުންތެރިކަން އިތުރުވެގެންދާނެ ކަމެއް ކަމަށް ކައުންސިލުން ދެކެއެވެ.














