މާލެ ސަރަޙައްދުގެ މަގުތަކުގައި ހިނގާބިގާވެ އުޅޭ ފަރާތްތަކާއި އުޅަނދު ދުއްވާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި، ބައެއް ބާވަތުގެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މިއަދު ކަނޑައަޅައިފިއެވެ.
އެ ވުޒާރާއިން ނެރުނު އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި މި ނިންމުމަކީ މާލެ ސަރަޙައްދުގެ މަގުތަކަކީ އެންމެހައި ފަރާތްތަކަށް ރައްކާތެރި ތަނަކަށް ހެދުމަށާއި، ޚާއްޞަކޮށް ސްކޫލް ދަރިވަރުންނާއި ބެލެނިވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤްޞަދުގައި ނިންމާފައިވާ ނިންމުމެކެވެ.
އިޢުލާން: މާލެ ސަރަޙައްދުގެ މަގުތަކުގައި ހިނގާބިގާވެ އުޅޭ ފަރާތްތަކާއި އުޅަނދު ދުއްވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބައެއް ބާވަތުގެ އުޅަނދުތައް މަގުތަކުގައި ދުއްވުން މަނާ ގަޑިތައް ކަނޑައެޅުން
🔗 https://t.co/0bCbl9E4QV pic.twitter.com/C8pPz7EPpA
— Ministry of Economic Development,Transport & Trade (@MoEDmv) October 15, 2026
މި އުޞޫލުގެ ދަށުން 350 ކިލޯއަށްވުރެ މަތީގެ މުދާ އުފުލާ އުޅަނދުތަކާއި ފޯކްލިފްޓް، ޓްރަކް، ކްރޭން އަދި ޓްރެއިލަރ ފަދަ ބަރު އުޅަނދުތައް ދުއްވުން މަނާވާނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 06:00 އިން 08:30 އަށް އަދި ހެނދުނު 11:30 އިން މެންދުރު 01:30 އަށެވެ.
މި ވަގުތުތަކުގައި ބޮޑުތަކުރުފާނު މަގު ފިޔަވައި މާލޭގެ އެހެނިހެން ހުރިހާ މަގުތަކުގައާއި، ހުޅުމާލޭގެ މަގުތަކުގެ އިތުރުން ސިނަމާލެ ބުރިޖާއި ހައިވޭގައިވެސް އެފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެކެވެ. މީގެއިތުރުން، ސްކޫލް އޮންނަ ދުވަސްތަކުގައި، ސްކޫލްތައް ފެށޭ ގަޑިއާއި ނިމޭ ގަޑީގައި ސްކޫލްތައް ހުންނަ ސަރަޙައްދުތަކުގައި މިފަދަ އެއްވެސް އުޅަނދެއް ދުއްވުމާއި މުދާ އުފުލުމަކީ މުޅިން މަނާކަމެއް ކަމަށްވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ވުޒާރާއިން ވަނީ މި އުޅަނދުތައް ދުއްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑިތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކޮށްފައެވެ. އަދި މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް އެ ވުޒާރާއިން ވަނީ ދީފައެވެ.














