ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކުރަން ފެށުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ނިންމައިފިއެވެ.
މިނިސްޓްރީން ކުރި އިޢުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ފިޔަވަޅު އަޅަން ނިންމާފައިވަނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 93 ވަނަ މާއްދާގެ ދަށުންނެވެ. އެގޮތުން، ޤާނޫނާއި ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ތަންފީޒީ އިދާރާތަކުން ޚާއްޞަ އެޕްލިކޭޝަންތަކާއި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ފިޔަވަޅު އަޅަން ފަށާނީ، މި އިޢުލާނު ޝާއިޢުކުރާތާ 7 ދުވަހުގެ ފަހުންނެވެ. އެހެންކަމުން ހުރިހާ ރައްޔިތުންވެސް ޤާނޫނާއި ގަވާއިދާ އެއްގޮތަށް އުޅަނދު ދުއްވުމަށާއި ބޭނުންކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
މި އައު ނިޒާމުގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތުން މަސައްކަތް ކުރިއަށް ގެންދާއިރު، ފިޔަވަޅު އެޅޭ ފަރާތްތަކަށް އެކަމުގެ މަޢުލޫމާތު އެސް.އެމް.އެސް (SMS) އަދި އީމެއިލް މެދުވެރިކޮށް ވަގުތުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެހެންކަމުން، ސީދާ އެފަރާތްތަކަށް ސައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ބޭނުމުގައި، ސަރުކާރުގެ ގެޒެޓުގައި މި އިޢުލާނު ޝާއިޢުކުރާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި، މިހާރު ބޭނުންކުރަމުންދާ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ’ސިމްސް ޕޯޓަލް‘ މެދުވެރިކޮށް އަޕްޑޭޓް ކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.
މި އުޞޫލުގެ ދަށުން މާލެއާއި ހުޅުމާލޭގައި ޤަވާޢިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ބަލައި ފިޔަވަޅު އެޅުމުގައި، ފުރަތަމަ މަރުޙަލާގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހޮސްޕިޓަލް އަދި ސްކޫލް ސަރަހައްދުތަކާއި، ކަފިހި ހުރަސްތަކުގެ އިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ ޕާކިންގ ސްލޮޓްތައް ހިމެނެއެވެ.
މީގެއިތުރުން، މާލޭގެ މައި މަގުތައް ކަމަށްވާ މަޖީދީމަގު، އަމީނީ މަގު، ސޯސަން މަގު އަދި ބޮޑުތަކުރުފާނު މަގު (ރިންގ ރޯޑް) ގައި ޤަވާޢިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ބެލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހުޅުމާލެ ފޭސް 1 ގެ ބޯށިމާ ހިނގުން، ސައިމާ ހިނގުން، ނިރޮޅު މަގު، ހަނދުވަރީ ހިނގުން، ހިތިގަސް މަގު، ބަގީޗާ ހިނގުން، އަދި ރީތިގަސް މަގުގެ އިތުރުން، ހުޅުމާލެ ފޭސް 2 ގެ ގުލްއަލާމާ ހިނގުން، ނިރޮޅު މަގު، ބެރެބެދިމާ ހިނގުން، އަދި ހިތިގަސް މަގަށް މި މަރުޙަލާގައި ޚާއްޞަ ސަމާލުކަމެއް ދެވޭނެއެވެ.
އެއްގަމު ދަތުރުފަތުރުގެ ޤާނޫނު ތަންފީޒުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި، އާންމު ރައްޔިތުންގެ ފަރާތުން މިނިސްޓްރީއަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ދެއްވަމުން ގެންދަވާ އެއްބާރުލުން ފާހަގަކޮށް، މިނިސްޓްރީން ވަނީ އެންމެހައި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.














