ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ އަމާން ޓަވަރުތަކުގެ ތެރެއިން ދެ ޔުނިޓަކަށް ގަވާއިދުން ފައިސާ ނުދައްކާތީ، އެ ދެ ތަނުގެ އެއްބަސްވުން އުވާލައި ފުލެޓު ހުސްކުރަން ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަންގައިފިއެވެ.
އެ ކުންފުނިން ހާމަކުރި ގޮތުގައި މި ފިޔަވަޅު އަޅާފައިވަނީ ހައުސިންގ ޔުނިޓުތައް ހަވާލުކުރިއިރު ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިގޮތުން ނުދައްކާ ހުރި ފައިސާ ދެއްކުމަށް އެ ފަރާތްތަކަށް 135 ދުވަހުގެ މުއްދަތެއް ދީ، ދެ ފަހަރެއްގެ މަތިން ނޯޓިސް ވެސް ވަނީ ފޮނުވާފައެވެ.
އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން ދޭންޖެހޭ 30 ދުވަހުގެ ނޯޓިސް ވެސް ޕޯޓަލް އަދި މެސެޖާއި ސިޓީ މެދުވެރިކޮށް އެ ފަރާތްތަކަށް ފޮނުވާފައިވާ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ. ނަމަވެސް އެ މުއްދަތު ހަމަވެގެން ދިޔައިރު ވެސް ފައިސާ ދައްކާފައި ނުވާތީ، ނޯޓިސް ލިބޭތާ 15 ދުވަހުގެ ތެރޭގައި އެ ދެ ފުލެޓު ހުސްކުރުމަށް މިހާރު ވަނީ އަންގާފައެވެ. އަދި އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން އެ ފަރާތްތަކަށް އެފްޑީސީގެ ޕޯޓަލުން ލިބެމުންދިޔަ ހިދުމަތްތައް ވެސް މިހާރު ވަނީ ކަނޑާލާފައެވެ.
އެފްޑީސީން ބުނީ މިއީ އެންމެހައި ފަރާތްތަކުގެ މެދުގައި ހަމަހަމަކަމާއެކު އުސޫލުތައް ހިންގުމަށާއި، ކަނޑައެޅިފައިވާ ހަމަތައް ދެމެހެއްޓުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.
މީގެ އިތުރުން އިމާރާތްތަކުގެ ފެންވަރު ރަނގަޅުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި، ކޮންމެ މަހަކު ވެސް ދައްކަންޖެހޭ ކުއްޔާއި ބެލެހެއްޓުމުގެ ހަރަދުތައް ގަވާއިދުން ދެއްކުމަށް އެ ތަންތަނުގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް އެ ކުންފުނިން ވަނީ ނަސޭހަތްތެރިވެފައެވެ.














