ހ. މާދޫގޭގައި ހިންގާ އޮފީހެއްގެ ނިވަލުގައި، ފުޅާދާއިރާއެއްގައި ބަނގުރާ ފޯރުކޮށްދެމުން ދިޔަ ނެޓްވޯކްގެ އިސް ދިވެހި މީހާ ކަމަށް ބެލެވޭ ފަރާތް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހ. ކަރޯގޭ، މުހައްމަދު ރަޝްވާން އައްބާސް އެވެ. މައުލޫމާތު ލިބޭ ގޮތުގައި އުމުރުން 53 އަހަރުގެ ރަޝްވާނަކީ މާދޫގޭގައި ބަނގުރާ ސްޓޮކް ރައްކާކޮށްފައި ހުރި އޮފީހުގެ މެނޭޖިން ޑިރެކްޓަރެވެ.
މި މައްސަލައިގެ ތަހުގީގަށް ރަޝްވާން 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާއިރު، އަމުރުގައިވާ ގޮތުން އެ މައްސަލާގައި ”ހުއްޓުވުނު“ ދެ މީހަކީ ރަޝްވާންގެ މުވައްޒަފުންނެވެ.
ބަނގުރަލުގެ ވިޔަފާރިކުރާ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ތިން ބިދޭސީންގެ ތެރެއިން ރަޝްވާންގެ ދެ މުވައްޒަފުން އިންވެސްޓިގޭޝަން އޮފިސަރަށް ކިޔައިދީފައިވާ ގޮތުގައި އެ މީހުން އެކަން ކުރަމުންދިޔައީ ރަޝްނާ އަންގައިގެންނެވެ.
މާދޫގޭގެ ދެ ފްލޯއެއްގައި ބަނގުރާ ސަޕްލައިކުރާ މައްސަލާގައި މީގެ ކުރިން ހައްޔަރުކުރީ ބަންގްލަދޭޝްގެ ތިން ފިރިހެނެކެވެ. އެ ތިން މީހުންގެ ތެރެއިން އެކަކު 15 ދުވަހަށް އަދި ދެ މީހަކު ފަސް ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ. އެ މީހުންނަކީ: އަލް އަމީން، 34، ޕޮލިން، 43، އެމްޑީ ރަކިބް ހޮސެން، 25 އެވެ.














