ވިޔަފާރި ކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި ސާފުކޮށް އަގު ނުޖަހައި ވިޔަފާރިކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އަންގައިފިއެވެ.
އެ ވުޒާރާއިން ނެރުއްވާފައިވާ އިޢުލާނެއްގައި ބަޔާންކޮށްފައިވަނީ، ވިޔަފާރި ކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ ގިނަ އަދަދެއްގެ މުދަލުގައި، މުދާ ގަންނަ ފަރާތްތަކަށް ސާފުކޮށް އެނގޭނޭހެން އަގު ޖަހާފައި ނުހުންނަކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ. އަދި ޤާނޫނު ނަންބަރު 12/2020 (މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން، ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ ފަރާތަށް ސާފުކޮށް އެނގޭގޮތަށް މެނުވީ، އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ މަނާކަމެއް ކަމަށްވެސް އެ އިޢުލާނުގައި ބުނެފައިވެއެވެ.
އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މުދަލުގައި އަގު ޖެހިކަމަށް ބެލެވޭނީ ދެ ގޮތަކުންކުރެ ގޮތަކަށް ސާފުކޮށް އަގު އެނގެން ހުރުމުންނެވެ. އެއީ މުދަލުގެ އަގު ސީދާ އެ މުދަލެއްގައި ލިޔެ، ޕްރިންޓްކޮށް ނުވަތަ ހަރުކޮށްފައި ހުރުން ނުވަތަ އެ މުދަލެއް ބަހައްޓާފައި ހުރި ތަނެއްގައި މުދަލުގެ އަގު ލިޔެފައި ނުވަތަ ހަރުކޮށްފައި ހުރުމާއެކު، އެއީ ކޮން މުދަލެއްގެ އަގެއްކަން ސާފުކޮށް އެނގޭގޮތަށް ހުރުމެވެ.
ވީމާ، މުދާ ވިއްކާ އެންމެހައި ފަރާތްތަކުން ވިއްކަން ބަހައްޓާފައިވާ މުދަލުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަގު ސާފުކޮށް ފެންނަން ހުންނާނޭހެން ބެހެއްޓުމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެއިތުރުން، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށް މުދާ ވިއްކާ ފަރާތްތަކުން ޢަމަލުކުރޭތޯ ބެލުމުގެ ގޮތުން، އެ ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން އިންސްޕެކްޓްކޮށް މޮނިޓަރކުރަމުން ދާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ. އަދި ޤާނޫނާއި ޚިލާފަށް އަގު ނުޖަހައި ވިޔަފާރިކުރާ ފަރާތްތަކާމެދު، އެ ޤާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް އެ އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.










