ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުން މއ. ވޭސައިޑް 304 ފްލެޓް، މުޙައްމަދު އަފީފް ޙުސެއިން މިއަދު ވަކިކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވިދާޅުވީ ފެނަކައިގެ އެމްޑީގެ މަޤާމުންނާއި ބޯޑު މެންބަރުކަމުން އަފީފް ވަކިކުރަން ނިންމެވީ މިއަދުން ފެށިގެން ކަމަށެވެ.
އަފީފް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަނުކުރައްވާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ.
އަފީފް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަނުކުރެއްވީ އެ މަޤާމުގައި ކުރިން ހުންނެވި މުޢާޒް މުޙައްމަދު ރަޝީދު އެ މަޤާމުން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.
ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެމުންދާ ފެނަކަ ކޯޕަރޭޝަނަކީ ދަރަނީގެ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ކުންފުންޏަކަށްވުމުން، އެ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ބަދަލުކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.














