ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދާއި ކަނޑުއޮޅިތައް ބެލެހެއްޓުމުގެ ފުރިހަމަ އިޚްތިޔާރު ދިވެހި ދައުލަތަށް އޮތްއިރު، އެއިން އެއްވެސް ބައެއް ބޭރުގެ އަސްކަރީ ނުވަތަ އެނޫންވެސް ބެލެހެއްޓުމުގެ ބާރަކަށް ދިވެހި ސަރުކާރުން އެއްވެސް ޙާލެއްގައި ނުދޭނެކަމުގެ ކަށަވަރުކަން ސަރުކާރުން ދެއްވައިފިއެވެ.
ދިވެހިސަރުކާރުން ނެރުއްވި ބަޔާނެއްގައި (ރިފަރެންސް ނަންބަރު: 2026-008) ބަޔާންކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ ސަރަޙައްދާއި ދައުލަތުގެ ސިޔާދަތަކީ ޤައުމުގެ މިނިވަންކަން އެއަށް ބަރޯސާވާ، ބަދަލުނުކުރެވޭނެ ޙައްޤެއް ކަމަށެވެ. އަދި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (އީ.އެޒް.އެޑް) އާއި ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތައް ހިމެނޭހެން ޤައުމުގެ ސަރަޙައްދު ބެލެހެއްޓުމަކީ ޤާނޫނުއަސާސީން ދައުލަތާ މަތިކޮށްފައިވާ މުޤައްދަސް ޒިންމާއެއްކަން ސަރުކާރުން ވަނީ ހަނދާންކޮށްދެއްވާފައެވެ.
އިސްތިރާޖީގޮތުން ރާއްޖެ އޮތް ސަރަޙައްދުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން ސަރުކާރުން ވިދާޅުވީ، ރާއްޖޭގެ ސަރަޙައްދީ ކަނޑުއޮޅިތަކަކީ ދުނިޔޭގެ ތެލުގެ ވިޔަފާރިއާއި އާންމު ވިޔަފާރީގެ ބޮޑު އިންސައްތައެއް ބައްރުތަކުގެ މެދުގައި ދަތުރުކުރުމަށް ބޭނުންކުރާ މުހިންމު މަގުތަކެއް ކަމަށެވެ. އެހެންކަމުން މި ސަރަޙައްދުގައި ރައްކާތެރިކަމާއެކު ދަތުރުފަތުރުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ދުނިޔޭގެ ހަމަޖެހުމަށާއި ބައިނަލްއަޤްވާމީ ވިޔަފާރިއަށް ރާއްޖެއިން ޒަމާނުއްސުރެ ފޯރުކޮށްދެމުންދާ މުހިންމު ޚިދުމަތެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ.
ސަރުކާރުގެ އަސާސީ ސިޔާސަތު ހާމަކުރައްވަމުން ބަޔާންކުރައްވާފައިވަނީ، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުން ބޭރުގެ ފަރާތްތަކާ ޙަވާލުނުކުރުމަކީ ޤައުމީ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމަށް ގެންގުޅޭ އެންމެ އިސް ސިޔާސަތު ކަމަށެވެ. އަދި ރާއްޖޭގެ އެއްވެސް ސަރަޙައްދެއް އަސްކަރީ ގޮތުން ނުވަތަ އެނޫންވެސް ގޮތަކުން ބެލެހެއްޓުމަށް ބޭރުގެ ފަރާތްތަކަށް ހުޅުވާލުމަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް އުނިކަން އައިސް، މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުމަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމެއްކަމަށް ސަރުކާރުން ވިދާޅުވިއެވެ.
އެހެންކަމުން، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާފާނެ ފަދަ ގޮތަކަށް ނުވަތަ ބޭރުގެ ނުފޫޒުތަކަށް މަގުފަހިވާނޭ މޭރުމަކުން، ސީދާކޮށް ނުވަތަ ނުސީދާކޮށް ވިޔަސް ބޭރުގެ ބާރުތަކަށް ދަޢުވަތު ނުދިނުމަށް ސަރުކާރުން ވަނީ ހުރިހާ ފަރާތްތަކަކަށް ހަރުކަށިކޮށް އިލްތިމާސްކުރައްވާފައެވެ.














