ފޭސްބުކް އެކައުންޓެއް ހެކްކުރުމަށްފަހު ބައްޕަކަމަށް ބުނެ އޮޅުވާލައިގެން މެސެންޖަރ މެދުވެރިކޮށް ފައިސާ ހޯދި މީހަކު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ޖަލު އަދަބު އިއްވާފައިވަނީ މާލެ، ގ. ބްލޫރިވާ، އާދަމް ރަޝީދުގެ މައްޗަށެވެ. ކޯޓު ހުކުމުން އެނގޭ ގޮތުގައި، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހު އޭނާ ވަނީ ހއ. އިހަވަންދޫ މީހެއްގެ ފޭސްބުކް އެކައުންޓް ހެކްކޮށްފައެވެ.
އެއަށްފަހު އެކައުންޓުގެ ވެރިފަރާތުގެ އަންހެން ދަރިފުޅަށް މެސެޖުކޮށް 1،000 ރުފިޔާ އަދި ފިރިހެން ދަރިފުޅަށް މެސެޖުކޮށް 3،500 ރުފިޔާ ފޮނުވައިދިނުމަށް ބައްޕަގެ ނަމުގައި އޭނާ އެދުނެވެ. މި ފައިސާ ޖަމާކުރުމަށް ދީފައިވަނީ އާދަމް ރަޝީދުގެ ކޮއްކޮގެ ބޭންކް އޮފް މޯލްޑިވްސް އެކައުންޓް ނަންބަރެކެވެ.
ދެ ދަރިންގެ އެކައުންޓުން ޖުމްލަ 4،500 ރުފިޔާ އެ އެކައުންޓަށް ޖަމާކުރުމާއެކު، ގާކޮށީގައި ހުންނަ އޭޓީއެމްއަކުން އާދަމް ރަޝީދު ވަނީ އެ ފައިސާ ނަގާފައެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލި ”އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ“ ދައުވާއަށް އިބްތިދާއީ މަރުހަލާގައި ވަކީލަކު ނުލައި އޭނާ ވަނީ އަމިއްލައަށް އިއުތިރާފުވެފައެވެ.
މި ކުށަށް ގާނޫނުގައި ކަނޑައެޅިފައިވާ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު އަދަބެއް ކަމަށްވާއިރު، ކުށަށް އިއުތިރާފުވުމުން އަދަބު ލުއިވި ނަމަވެސް، ވޭތުވެދިޔަ ހަ އަހަރު ތެރޭގައި ފޭރުމުގެ ކުށުގެ ސާބިތު ރެކޯޑެއް އޭނާގެ އޮތުމުން ގާނޫނުލްއުގޫބާތުގެ ދަށުން އަދަބުގެ ދަރަޖަ ވަނީ މަތިވެފައެވެ. މިއާއެކު ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް ޒިހުނީ ވަނީ އޭނާ ޖަލަށްލުމަށް ހުކުމް ކުރައްވާފައެވެ.
މި މައްސަލައިގައި އާދަމް ރަޝީދުގެ ކޮއްކޮ، ގ. ބްލޫރިވާ ހުސެއިން ރަޝީދުގެ މައްޗަށްވެސް ދައުލަތުން ދައުވާކޮށްފައިވާއިރު، އޭނާގެ ބައި ކްރިމިނަލް ކޯޓުގެ އެހެން ގަޒިއްޔާއަކުން ބެލުމަށް ވަނީ ނިންމާފައެވެ.












