ހުޅުމާލޭގެ ނުރައްކާތެރި އެކްސިޑެންޓުގެ ތަޙުޤީޤަށް 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް 7 ދުވަހަށް ބަންދުކޮށްފިއެވެ.
މިދިޔަ ހަފުތާގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގަވައިދާ ޚިލާފަށް ތިން މީހުން އަރުވައިގެން ދުއްވި ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ މައްސަލައާ ގުޅިގެން އުމުރުން 27 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާ ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށް މުއްދަތު ޖަހާފައިވީ ނަމަވެސް، މިކަމާ ގުޅޭގޮތުން ފުލުހުންގެ އިދާރާއިން އަދި ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
އެކްސިޑެންޓްވި ސައިކަލުގެ ކުރީގައި އިން މީހާއަކީވެސް މީގެ ކުރިން ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ބަންދުގެ މުއްދަތު އިތުރުކުރި މީހެކެވެ. ނަމަވެސް ތަހުގީގު ނިމުމާ ގުޅިގެން މުއްދަތު ހަމަނުވަނީސް އޭނާ ވަނީ ދޫކޮށްލާފައެވެ. އަދި އަނިޔާތަކަށް ފަރުވާ ދިނުމަށް އޭނާ އަދިވެސް އޮތީ ހޮސްޕިޓަލުގައި ކަމަށް މައުލޫމާތު ލިބެއެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުގެ މެންދަމު 02:55 އެހައިކަންހާއިރުއެވެ. އެ ހާދިސާ ހިނގަން މެދުވެރިވީ އެއްކޮޅަށް ދުއްވާ މަގެއްގައި ގަވައިދާ ޚިލާފަށް ތިން މީހުން އަރުވައިގެން ދުއްވި ސައިކަލެއް، ދެ މީހުންނާއެކު ދުއްވާފައި ދިޔަ އެހެން ސައިކަލެއްގައި ޖެހިގެންނެވެ.
މި ހާދިސާގައި ދެ ސައިކަލުގައި ތިބި އެންމެންނަށްވެސް ތަފާތު އަނިޔާތައް ލިބިފައިވެއެވެ. އެމީހުންނަށް ފުރަތަމަ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާއަށް ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ.
ފުލުހުން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި ގަވައިދާ ޚިލާފަށް ތިން މީހުން އަރުވައިގެން ދުއްވި ސައިކަލު ދުއްވަން އިނީ އެ ކެޓެގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫނެވެ.














