މާލޭ ގަލޮޅުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓަކަށް ވަދެ، ތޫނު ހަތިޔާރުން ބިރުދައްކައިގެން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައެއްގައި ތުހުމަތުކުރެވޭ ދެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މަހުގެ 8 ވަނަ ދުވަހު ގަލޮޅު ގެއެއްގެ ހަތަރު ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓަކަށް ހުއްދަނޫން ގޮތުގައި ވަދެގަނެ، އެތަނުގައި ތިބި މީހުން ހިފަހައްޓައި ބިރުދެއްކުމުގައި އަމަލީގޮތުން ބައިވެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 41 އަހަރުގެ މީހަކާއި 46 އަހަރުގެ މީހެކެވެ.
މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ ގ. ޤަޞްރު، ޠަލާލް މުޙައްމަދު (41އ) އާއި މ. މުލި، ނައިޓްރޯސް، އަޙްމަދު ޢުބައިދު (46އ) އެވެ.
މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވާއިރު، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.












