ޤައުމަށް ވަފާތެރި، ޒިންމާދާރު ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީނު ޕްރޮގްރާމުގެ ހަތަރުވަނަ ބެޗުގެ ދަރިވަރުން ތަމްރީނުތަކަށް މިއަދު ފުރައިފިއެވެ.
ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި 14 ހަފުތާގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ މި ތަމްރީނުގައި، ރާއްޖޭގެ 20 އަތޮޅެއްގެ 126 ރަށަކުން ޖުމްލަ 351 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ މި ބެޗުގައި ހިމެނެނީ 287 ފިރިހެން ދަރިވަރުންނާއި 64 އަންހެން ދަރިވަރުންނެވެ.
ދިވެހި ވަޠަނީ ޚިދުމަތާ އަލަށް ގުޅޭ މެންބަރުންނަށް ޢަމާޒުކޮށްގެން ހިންގާ މި ތަމްރީނުގެ މައިގަނޑު މަޤުޞަދަކީ، އިސްލާމީ ވަރުގަދަ ޢަޤީދާއެއްގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ތިބި، ޖިސްމާނީ އަދި ރޫޙާނީ ގޮތުން ދުޅަހެޔޮ، އަދި އަމިއްލަ ނަފްސަށް އިތުބާރުކުރާ ޤައުމީ ލޯބި ހިތުގައި ބިންވަޅުނެގިފައިވާ ޒުވާނުންތަކެއް އުފެއްދުމެވެ.
ސަރުކާރުން ޒުވާނުން ބިނާކުރުމަށް ކަނޑައަޅާފައިވާ މުހިންމު ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި، ދިވެހި ޤައުމިއްޔަތާއި، އަޚްލާޤާއި ސުލޫކު، ލީޑަރޝިޕް ހުނަރުތަކުގެ އިތުރުން ޢާންމު ދިރިއުޅުމުގެ މައިދާނަށް މުހިންމު އެކި ދާއިރާތަކުން ދަރިވަރުން ތަމްރީނު ކުރެވޭނެއެވެ.
މި ތަމްރީނު ފުރިހަމަކުރާ ބައިވެރިންނަށް ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ ސެޓްފިކެޓް ދިނުމުގެ އިތުރުން، އެ ބައިތައް ފުރިހަމަކުރާ ދަރިވަރުންނަށް ސިވިކް އެޑިއުކޭޝަން އެންޑް ލީޑަރޝިޕް، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ، ބޭސިކް ފަސްޓް އެއިޑް އަދި ޕިއަރ އެޑިއުކޭޝަން ފަދަ މުހިންމު ދާއިރާތަކުން ސެޓްފިކެޓް ޙާޞިލުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީނުގެ ތިން ބެޗެއް މިހާތަނަށް ކާމިޔާބުކަމާއެކު ނިންމާލާފައިވާއިރު، އެ ބެޗުތަކުން ޖުމްލަ 1028 ޒުވާނުން ވަނީ ތަމްރީނު ފުރިހަމަކޮށް މުޖުތަމަޢަށް ނުކުމެފައެވެ.














