ރަސްމާލެ މަޝްރޫއުގެ ދަށުން ތަރައްގީކުރާ އެއްވެސް އިމާރާތެއް ނުވަތަ ޕްރޮޕަޓީއެއް އިސްރާއީލުގެ ރައްޔިތުންނަށާއި އެ ގައުމާ ގުޅުންހުރި ކުންފުނިތަކަށް ނުގަނެވޭނެ ގޮތަށް ހަރުދަނާ އުސޫލުތަކެއް އެކުލަވައިލައްވާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ލިންކްޑްއިންގައި އާންމުކުރެއްވި ލިޔުމެއްގައި ވަޒީރު މުއްތަލިބް ވިދާޅުވީ ފަލަސްތީނުގެ މައްސަލައިގައި ދިވެހިރާއްޖެއިން ޒަމާނުއްސުރެ ގެންގުޅެމުންދާ ހާރިޖީ ސިޔާސަތަށް އެއްވެސް ބަދަލެއް ނުގޮސް، ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ބިން އެއްކޮށް މިލްކުކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށާއި، ބިން ދޫކުރާނީ ކަނޑައެޅޭ ހަރުދަނާ އުސޫލުތަކުގެ ތެރެއިން ހުއްދަދެވޭ ފަރާތްތަކަށް ހަމައެކަނި ކުއްޔަށް (ލީސް) ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ތެރެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކާއި، ހިއްސާދާރުންގެ އިތުރުން ފައިނޭންސްކުރާ ފަރާތްތަކާއި ސޭލްސް އޭޖެންޓުންގެ ގޮތުގައިވެސް އިސްރާއީލާ އެއްވެސް ގުޅުމެއް އޮތް ފަރާތެއް ނުހިމެނޭކަން ކަށަވަރުކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޕްރޮޕަޓީ ގަންނަ ކޮންމެ ފަރާތަކުންވެސް އެ މީހެއްގެ މިހާރުގެ އަދި ކުރީގެ ރައްޔިތުކަމުގެ މައުލޫމާތު ފުރިހަމައަށް ހާމަކުރުން ލާޒިމުވާނެ ކަމަށާއި، ސައްހަ ނޫން މައުލޫމާތެއް ދީފިނަމަ އެއްބަސްވުން ބާތިލުކޮށް، ދައްކާފައިވާ ފައިސާއާއި ޕްރޮޕަޓީ ދައުލަތަށް ނެގޭނެ ގާނޫނީ އޮނިގަނޑެއް އެކުލަވައިލައްވާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ވަކި ގައުމަކަށް ނިސްބަތްވާ ފަރާތްތަކަށް ނުވަތަ ވަކިވަކި ފަރުދުންނަށް ޕްރޮޕަޓީ ވިއްކޭނެ އަދަދު ކޮންޓްރޯލްކުރާނެކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، ގައުމިއްޔަތު ކަށަވަރުކުރުމަކީ މިފަދަ ކަންކަން ހުއްޓުވުމަށް ލިބޭނެ ބޮޑު ބާރެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ކޮންމެ ފިޔަވައްސެއްގައިވެސް ދިވެހިންނަށް ހާއްސަ އިސްކަމެއް ދީގެން ދިވެހި ރުފިޔާއިން ޕްރޮޕަޓީ ގަނެވޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށާއި، ބިދޭސީންނަށް ކަނޑައަޅާ އެއްވެސް ލިމިޓެއް ދިވެހިންގެ މައްޗަށް ނުހިނގާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
އީގަލް ހިލްސް އިން ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި ތަރައްގީކުރާ ”މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ“ މަޝްރޫއަކީ 20 ބިލިއަން އެމެރިކާ ޑޮލަރުގެ ސީދާ އިންވެސްޓްމަންޓަކާއެކު ފެށޭ، އަދި ޖުމްލަ 30 ބިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ބޭރުގެ ސީދާ އިންވެސްޓްމަންޓް ރާއްޖެއަށް ލިބިގެންދާނެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ހުރިހާ ކަމެއްވެސް ހިނގާނީ ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް ކަމަށާއި، ވިސާ ދިނުމުގެ ފުރިހަމަ ބާރު އޮންނާނީ ދިވެހި ސަރުކާރަށް ކަމަށާއި، ބޭރުގެ އެއްވެސް ފަރާތަކަށް ދާއިމީ ރަށްވެހިކަން ނުވަތަ ދިވެހި ރައްޔިތުކަން ލިބޭނެ އެއްވެސް މަގެއް ނޯންނާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.













