ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި މާފުށީ ޖަލުގައި 50 ގޮޅީގެ ހައި ސެކިއުރިޓީ އިމާރާތެއް އެޅުމަށްޓަކައި، އެ ސަރަޙައްދުގައި ހުރި އިމާރާތެއް ތަޅާލައި ސައިޓް ސާފުކުރުމުގެ ނަމުގައި 2.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯމް މިނިސްޓްރީން ދޫކުރި ނަމަވެސް އެފަދަ އެއްވެސް އިމާރާތެއް އެ ތަނުގައި ނެތްކަން އޮޑިޓަރ ޖެނެރަލްގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. އޭރު ހޯމް މިނިސްޓަރަކަށް ހުންނެވީ އައްޝައިޚް ޢިމްރާން ޢަބްދުاللهއެވެ.
އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ޖަލުގެ 50 ގޮޅީގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައި ހުރި ކަމަށް ބުނާ އިމާރާތް ތަޅާލުމަށާއި އެ ތަން ސާފުކުރުމަށް ބީއޯކިއުގައި ހިމަނައިގެން 2,920,082 (ދެ މިލިއަން ނުވަސަތޭކަ ވިހިހާސް އަށްޑިހަ ދެ) ރުފިޔާ ހޯމް މިނިސްޓްރީން ވަނީ ޕޮލިސް ވެލްފެއާ ކޯޕަރޭޝަން (ޕޮލްކޯ) އަށް ދޫކޮށްފައެވެ. ނަމަވެސް މި މަސައްކަތް ޕޮލްކޯއާ ޙަވާލުކުރުމުގެ ކުރިން، 2022 ޖަނަވަރީ 20 ގައި ގޫގުލް އާތުން ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކަށް ބަލާއިރު އެ ސަރަޙައްދުގައި އެއްވެސް އިމާރާތެއް ނެތްކަން އެނގެން އޮތް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން، ކުރިން ހުރި ކަމަށް ބުނާ އިމާރާތެއް ތަޅާލައި ސައިޓް ސާފުކުރުމުގެ ނަމުގައި ބީއޯކިއުގައި ފައިސާ ހިމަނައި ޕޮލްކޯއަށް އެ ފައިސާ ދީފައިވަނީ ނުކުރާ މަސައްކަތަކަށް ކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ކަނޑައަޅައިފައެވެ.
މާފުށީ ޖަލުގައި 50 ގޮޅީގެ ހައި ސެކިއުރިޓީ ވިންގަކާއި، އިތުރު 18 ގޮޅީގެ އިތުރުން ސެކިއުރިޓީ ޕޯސްޓެއް ޢިމާރާތްކުރުމުގެ މުޅި މަޝްރޫޢު ބިޑްކުރުމަކާ ނުލައި 45 މިލިއަން ރުފިޔާއަށް ޕޮލްކޯއާ ޙަވާލުކުރީ އަވަހަށް މަސައްކަތް ނިންމުމުގެ ބޭނުމުގައި ކަމަށް ބުނެއެވެ. އެއަށްފަހު ޕޮލްކޯއިން ވަނީ ބިޑްކުރުމެއް ނެތި ”ވީ އަވަރ އިންވެސްޓްމަންޓް“ ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކާ މުޅި މަސައްކަތް ސަބްކޮންޓްރެކްޓް ކޮށްފައެވެ.
މި މަޝްރޫޢުގެ ޢަމަލީ ހުރިހާ މަސައްކަތެއް ކުރީ ވީ އަވަރ ކުންފުނިން ކަމަށްވާއިރު، އެ ކުންފުނިން 18 ގޮޅީގެ މަސައްކަތް ނިންމި ނަމަވެސް، ލިބެންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން 50 ގޮޅީގެ މަސައްކަތް ނުނިންމައި 2024 ވަނަ އަހަރު މަސައްކަތް ހުއްޓާލާފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.














