އެންޓިބޮޔޮޓިކްސް ބޭނުންކުރާއިރު ހަކުރުގެ ބާވަތްތައް އެކުލެވޭ ކާނާ ގިނައިން ކާނަމަ ބަނޑުގެ މައިކްރޯބައޯމްއަށް ލިބޭ ގެއްލުން ބޮޑުވެ، ބަނޑުގެ ބަލިތައް ކުރިމަތިވުމުގެ ފުރުސަތު އިތުރުވާކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ.
ސިޓީ އޮފް ހޯޕް ލޮސް އެންޖެލިސްއާއި މެމޯރިއަލް ސުލޯން ކެޓަރިންގ ކެންސަރ ސެންޓަރުގެ މާހިރުން ގުޅިގެން ކުރިއަށްގެންދިޔަ މި ދިރާސާގައި ބަލިމީހުންގެ ކެއުމުގެ އާދަތަކާއި، އެމީހުންގެ ބަނޑުގައިވާ ބެކްޓީރިއާތަކަށް އަންނަ ބަދަލުތައް ދިގު މުއްދަތަކަށް ދިރާސާކޮށްފައިވެއެވެ.
މި ދިރާސާގެ ހޯދުންތަކުން އެނގުނު ގޮތުގައި، އެންޓިބަޔޮޓިކްސްއާ ނުލައި ހަމައެކަނި ފޮނިކާނާގެ ބާވަތްތައް ބޭނުންކުރުމުން ބަނޑުގެ ބެކްޓީރިއާތަކަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރެއެވެ. ނަމަވެސް، ފުޅާ ދާއިރާއެއްގައި ބެކްޓީރިއާ ނައްތާލާ ބްރޯޑް-ސްޕެކްޓްރަމް އެންޓިބަޔޮޓިކްސް ބޭނުންކުރަމުން ހަކުރުގެ ބާވަތްތައް ނުވަތަ ފޮނި ބޫސްޓަރު އަދި ޖޫސް ފަދަ ތަކެތި ބޭނުންކުރާނަމަ، ފައިދާހުރި ބެކްޓީރިއާތައް ނެތިގޮސް، ނުރައްކާތެރި ޖަރާސީމުތަކަށް އޭގެ ފައިދާލިބި އަވަހަށް އިތުރުވެއެވެ.
މިގޮތުން އެންމެ ބޮޑަށް އިތުރުވާކަމަށް ފާހަގަކުރެވުނީ އެންޓިބަޔޮޓިކްސްއަށް ނުގުޑާ ބާވަތެއްގެ ބެކްޓީރިއާއެއް ކަމަށްވާ ”އެންޓެރޯކޮކަސް“ އެވެ. މިއީ ލޭގެ އިންފެކްޝަންތައް އުފައްދައި، ހަށިގަނޑުގެ ދިފާއީ ނިޒާމަށް ނޭދެވޭ އަސަރުކުރުވާ ބެކްޓީރިއާއެކެވެ. މީދާ ބޭނުންކޮށްގެން ކުރެވުނު ތަޖުރިބާތަކުންވެސް ހަކުރުގެ ބާވަތްތަކާއެކު އެންޓިބަޔޮޓިކްސް ދިނުމުން މި ބެކްޓީރިއާ ގުނަވަންތަކުގައި އިތުރުވާ މިންވަރު އެތައް ގުނައަކުން މައްޗަށް ދިޔަކަން ވަނީ ސާބިތުވެފައެވެ.
މި ދިރާސާ ޝާއިޢުކޮށްފައިވަނީ މަޝްހޫރު ނޭޗަރ ޖަރނަލްގައެވެ. ސައިންސްވެރިން ވިދާޅުވާ ގޮތުގައި އެންޓިބަޔޮޓިކްސް ބޭނުންކުރާ ކޮންމެ މީހަކު ހަކުރުގެ ބާވަތްތައް މުޅިން ހުއްޓާލަން އެންގުމަކީ އަވަސް އަރުވާލުން ކަމަށް ވީނަމަވެސް، އެންޓިބަޔޮޓިކްސް ބޭނުންކުރާ ދުވަސްވަރު ކެއުމުގައި ހަކުރުގެ މިންވަރު މަދުކުރުމަކީ ސިއްހަތަށް ފައިދާހުރި، އަދި ފަސޭހައިން ކުރެވިދާނެ ކަމެކެވެ.












