ބަލިތަކަށް ފަރުވާއެއް ލިބޭނެކަމަށް ދައުވާކުރާ ގިނަ އުފެއްދުންތަކަކީ އެއިން ލިބޭނެ ސިއްހީ ފައިދާއެއް އިލްމީ ދިރާސާތަކުން ކަށަވަރުކުރެވިފައިނުވާ ތަކެތިކަމަށް، ކާބޯތަކެއްޗާއި ބޭހާ ބެހޭ އިދާރާ (އެމްއެފްޑީއޭ) އިން ހާމަކޮށް، މިފަދަ އުފެއްދުންތައް ބޭނުންކުރުމުގައި ރައްޔިތުން އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
މިކަމާ ގުޅޭގޮތުން އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވަނީ، ސިއްހީ ގޮތުން ފައިދާތައް ލިބޭނެކަމަށް ދޭހަވާ ގޮތަށް ރާއްޖޭގައި އުފައްދައި، ވިއްކައި އަދި އިޝްތިހާރުކުރާ ބައެއް ކާބޯތަކެއްޗާ ގުޅުވައި، އެ ތަކެތި ތަހުލީލުކޮށްފައިވާ ލެބޯޓަރީ ރިޕޯޓުތައް އިޝްތިހާރުތަކުގައި ބޭނުންކުރަމުންދާކަން އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެމްއެފްޑީއޭއިން ވަނީ، ކާބޯތަކެތި އިޝްތިހާރުކުރުމާ ބެހޭ ގަވައިދުގެ ދަށުން، އެފަދަ ރިޕޯޓުތައް އިޝްތިހާރުތަކުގައި ބޭނުންކުރުން މަނާކުރެވިފައިވާ ކަމަށާއި، އަދި ކާބޯތަކެތި ބޭނުންކުރުމުން އެކި ބަލިތަކަށް ޝިފާއެއް ލިބޭނެ ކަމަށް ނުވަތަ ހަށިގަނޑަށް ވަކި ހާއްސަ ބަދަލެއް ގެނެސްދޭނެ ކަމަށް ދޭހަވާ ގޮތަށް އިޝްތިހާރުކުރުން ވެސް އެ ގަވައިދުން މަނާކުރެވިފައިވާ ކަން ހަނދާންކޮށްދީފައެވެ.
ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، ބަލިތަކަށް ފަރުވާ ލިބޭކަމަށް ނުވަތަ ހަށިގަނޑަށް ބަދަލުތަކެއް ގެނެސްދޭކަމަށް ދައްކައިގެން ތައްޔާރުކޮށް، އުފައްދައި އަދި އިޝްތިހާރުކުރާ ކާބޯތަކެތީގައި ހިމަނާ ސިއްހީ އެއްވެސް މައުލޫމާތެއް، އިލްމީ ދިރާސާތަކުން ސާބިތުވެފައިވާ ތެދު މައުލޫމާތަށް ވާންޖެހޭނެކަމަށެވެ. ނަމަވެސް، އެ އިދާރާއަށް ފާހަގަކުރެވިފައިވާގޮތުން، ރާއްޖޭގެ ބާޒާރުގައި މިފަދަ ގިނަ އުފެއްދުންތަކަކީ ސިއްހީ ފައިދާ އިލްމީގޮތުން ކަށަވަރުކުރެވިފައިނުވާ ތަކެތި ކަމަށް ބަޔާނުގައިވެއެވެ.
އެގޮތުން، އެފަދަ އުފެއްދުންތައް ބޭނުންކުރުމުގައި އާއްމުން އިތުރަށް ސަމާލުވެ، އެއްވެސް އުފެއްދުމެއް ބޭނުންކުރުމުގެ ކުރިން އޭގެ ސިއްހީ ފައިދާތަކާ ބެހޭގޮތުން ސާބިތުކަމެއް ލިބިފައިވޭތޯ ބެލުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.














