އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހު ކ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރިއުޅެނިކޮށް ގެނބިގެން، ޗައިނާއަށް ނިސްބަތްވާ ދެ ފަތުރުވެރިއަކަށް ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ހާމަކުރެއެވެ.
ފުލުހުން ބުނި ގޮތުގައި، މި ހާދިސާގައި ގެނބުނު ފަތުރުވެރިންނަކީ ޗައިނާއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ އަންހެނެކެވެ.
ފަރުވާދެމުންދާ ދެ ފަތުރުވެރިންގެ ހާލުވެސް މިހާރު ރަނގަޅު ކަމަށް، ފުލުހުން ބުނެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ދެނެގަތުމަށް، ފުލުހުން ދަނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ތަހުގީގު ކުރަމުންނެވެ.














