ނ. އަތޮޅުގައި މޫސުމީ ބަދަލުތަކަށް ގޮންޖެހޭ އަދި ތިމާވެއްޓާ ރައްޓެހި ދަނޑުވެރިކަމުގެ ނިޒާމެއް ޤާއިމުކުރުމުގެ މަޤްޞަދުގައި، ނ. މަނަދޫގައި ޚާއްޞަ މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ބައްދަލުވުންތަކަކީ ދިވެހިރާއްޖޭގައި ލޯ-ކާބަން ދަނޑުވެރިކަމުގެ ވެލިއު ޗެއިންތައް ތަރައްޤީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް އަމާޒުކޮށްގެން ބޭއްވި ބައްދަލުވުންތަކެކެވެ.
މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމްގެ އިތުރުން، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އަދި އދ. ގެ ތަރައްޤީގެ ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ އިސް ތަމްސީލުކުރައްވާ ބޭފުޅުން ވަނީ މަނަދޫއަށް ވަޑައިގަންނަވާފައެވެ. މި ވަފްދު މަނަދޫއަށް ވަޑައިގަތުމުން އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ރަށު ކައުންސިލާއެކު ބޭއްވުނު ބައްދަލުވުމުގައި، މަނަދޫގެ ތަރައްޤީއަށް އިސްކަންދޭ ދާއިރާތަކާއި، ޚާއްޞަކޮށް ދަނޑުވެރިކަން ކުރިއެރުވުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން ދެފަރާތުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މިގޮތުން ދަނޑުވެރިކަމުގެ އުފެއްދުންތައް އެއްކުރުމާއި ބަންދުކުރުމުގެ މަސައްކަތްތަކާއި، އަލަށް ހުށަހެޅިފައިވާ މާކެޓް ކޮންސެޕްޓާ ބެހޭގޮތުން ޚިޔާލު ބަދަލުކުރެވުނެވެ.
Minister @Shiyamaldives, H.E. Kong Xianhua, Ambassador of the People’s Republic of China to the Maldives, and the UNDP delegation arrived in Manadhoo, Noonu Atoll, for the High-Level Mission on Low-Carbon Atoll Value Chains for Climate-Resilient Agriculture (LAVA).
The… pic.twitter.com/UQ6jtee2em
— Min of Fisheries, Agriculture and Ocean Resources (@MFAORmv) October 12, 2026
މީގެ އިތުރުން ދަނޑުވެރިން އުފައްދާ ތަކެތި ބާޒާރަށް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމުގެ ގޮތުން، އިތުބާރު ހުރި ލޯ-ކާބަން ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމުގެ މުހިންމުކަމަށް މި ބައްދަލުވުމުގައި އަލިއަޅުވާލިއެވެ. މިއީ ރަށްރަށާއި މާކެޓުތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ދަނޑުވެރިންނަށް އެކަށީގެންވާ ނަފާއެއް ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި ދަތުރުގެ ތެރެއިން ވަފްދުގެ ބޭފުޅުން ވަނީ ”ލޯ-ކާބަން އެޓޯލް ވެލިއު ޗެއިންސް ފޯ ކްލައިމެޓް-ރެޒިލިއަންޓް އެގްރިކަލްޗަރ“ (ލާވާ) މަޝްރޫޢުގެ ފަރުމާކުރުމުގެ މަސައްކަތްތަކާ ބެހޭގޮތުން ބޭއްވި ބްރީފިންގއެއްގައި ބައިވެރިވެވަޑައިގަންނަވާފައެވެ. މި ބްރީފިންގގައި މަޝްރޫޢުގެ ފަންނީ ދިރާސާތަކުން ފާހަގަކުރެވުނު ކަންކަން ހުށަހަޅައި، ނޫނު އަތޮޅުގައި ދަނޑުވެރިކަން ތަރައްޤީކުރުމަށް އިސްކަންދޭނެ ކަންކަމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެވުނެވެ.
ލާވާ މަޝްރޫޢަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ރަށު ފެންވަރުގައި ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން ހިންގޭ މުހިންމު މަޝްރޫޢެކެވެ. މި މަޝްވަރާތަކުގެ ސަބަބުން ސަރުކާރާއި، ބައިނަލްއަޤުވާމީ ފަރާތްތަކާއި، ރަށު ފެންވަރުގެ ހިއްސާދާރުން ގުޅިގެން ނޫނު އަތޮޅުގައި ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ނިޒާމެއް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެއެވެ.












