ފޯބްސް އާއި މާކެޓް ރިސާޗު ފާމް ’ސްޓެޓިސްޓާ‘ ގުޅިގެން ހޮވި ދުނިޔޭގެ އެންމެ ހިންގުންތެރި ބޭންކުތަކުގެ ލިސްޓުން ޖާގަ ހޯދައި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދުނިޔޭގެ ފެންވަރުގައި ތާރީޚީ ކާމިޔާބީއެއް ހާސިލުކޮށްފިއެވެ.
ދުނިޔޭގެ 89 ގައުމަކުން 500 ބޭންކު ހިމެނޭ ގޮތަށް އެކުލަވާލި މި ރޭންކިންގައި ބީއެމްއެލް ހިމެނުމަކީ ރާއްޖޭގެ މާލީ އިދާރާއަކަށް ބައިނަލްއަގުވާމީ މިފަދަ ލިސްޓަކުން ޖާގަ ލިބުނު ފުރަތަމަ ފަހަރެވެ.
’ވޯލްޑްސް ޓޮޕް ޕާފޯމިން ބޭންކްސް 2026‘ ގެ ނަމުގައި އެކުލަވާލި މި ރޭންކިންގައި ބޭންކުތައް ވަޒަންކޮށްފައިވަނީ ފައިދާ ލިބޭ މިންވަރާއި، ކުރިއެރުމާއި އާމްދަނީގެ ފެންވަރުގެ އިތުރުން ރައުސްމާލުގެ ވަރުގަދަކަމާއި އެސެޓްގެ ފެންވަރަށް ބަލައިގެންނެވެ. މި ދިރާސާ ތައްޔާރުކުރުމުގައި އެސް އެންޑް ޕީ ކެޕިޓަލް އައިކިއު ފަދަ އިތުބާރު ހުރި މާލީ އިދާރާތަކުގެ ތަފާސްހިސާބުތަކާއި ބޭންކުތަކުގެ އާންމު ރިޕޯޓުތަކަށް ރިއާޔަތްކޮށްފައިވެއެވެ.
ޖުމްލަ ހަ ގިންތިއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ރޭންކިންގައި ބީއެމްއެލް ހިމެނިފައިވަނީ 3 ބިލިއަން އާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އެސެޓް ހުރި ބޭންކުތައް ހިމެނޭ ހަވަނަ ޓިއާގައެވެ. މި ގިންތީގައި ބީއެމްއެލް ވަޒަންކޮށްފައިވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ހުރި އެއާ އެއްފެންވަރެއްގެ މާލީ އިދާރާތަކާ އަޅާބަލައިގެންނެވެ.
މި ކާމިޔާބީއާ ގުޅިގެން ބީއެމްއެލް އިން ބުނީ، މިއީ ބަދަލުވަމުންދާ ދުނިޔޭގެ ބޭންކިން މާހައުލުގައި އެ ބޭންކުގެ މާލީ ނަތީޖާގެ ވަރުގަދަކަމާއި ހަރުދަނާ ރިސްކް މެނޭޖްމަންޓް ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި ގައުމީ ބޭންކުގެ ހައިސިއްޔަތުން ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކަށް މަގުފަހިކޮށްދީ، ޑިޖިޓަލް ބޭންކިންއާއި މާލީ ހިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށްވެސް އެ ބޭންކުން ފާހަގަކުރިއެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މިއީ ބޭންކުގެ މާލީ ތަފާސްހިސާބުތަކަށް ބަލައިގެން ދީފައިވާ މިނިވަން ރޭންކިންއެއް ކަމަށެވެ. އަދި މިއީ ބީއެމްއެލްއަކީ ވަރުގަދަ، ފުދުންތެރި ރައުސްމާލެއް އޮތް ހަރުދަނާ މުއައްސަސާއެއްކަން ސާބިތުވެގެންދިޔަ ކަމެއް ކަމަށާއި، ކަސްޓަމަރުންނާއި ހިއްސާދާރުންގެ އިތުބާރު ދަމަހައްޓައި ގައުމީ އިގްތިސާދަށް ހިދުމަތްކުރުމުގައި އަބަދުވެސް ދެމިތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.














