ގަވައިދާ ޚިލާފަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ރާއްޖޭން ބޭރުކުރަން މަސައްކަތްކުރި އިންޑިއާ ފަސިންޖަރަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހުއްޓުވައި، އެ ފައިސާތައް އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި މިދިޔަ ބުދަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އަތުލައިގަތް ފައިސާގެ ޖުމްލަ އަދަދު 905،669.80 ދިވެހި ރުފިޔާއަށް އަރައެވެ. މިއީ އެއާޕޯޓުން ފުރަން ދިޔަ އިންޑިއާގެ ރައްޔިތެއްގެ އަތުން، ގާނޫނީ ގޮތުން ކުރަންޖެހޭ ޑިކްލަރޭޝަން ނުހަދައި ބޭރުކުރަން އުޅެނިކޮށް އަތުލައިގަތް ފައިސާއެވެ.
މި މައްސަލައިގައި އަތުލައިގަނެވުނު ފައިސާގެ ތެރޭގައި އެކި ގައުމުތަކުގެ ކަރަންސީ ހިމެނޭކަމަށް ކަސްޓަމްސްއިން ބުނި ނަމަވެސް، އެއީ ކޮން ކޮން ގައުމުތަކެއްގެ ފައިސާއެއްކަމުގެ ތަފްސީލެއް އެ ހިދުމަތުން އިތުރަށް ހާމަކޮށްފައެއް ނުވެއެވެ.
ފަހަކަށް އައިސް ގަވައިދާ ޚިލާފަށް ބޭރު ފައިސާ ގެންގުޅުމާއި ރާއްޖޭން ބޭރުކުރަން އުޅޭ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެގޮތުން ސީރިއަލް ޕެކެޓުތަކެއްގައި ފޮރުވައިގެން ތިން މިލިއަނަށްވުރެ ގިނަ ރުފިޔާގެ ބޭރު ފައިސާ ބޭރުކުރަން އުޅުނު ހަ ބިދޭސީއަކު މިދިޔަ މަހުގެ ތެރޭގައި ހައްޔަރުކޮށްފައިވާއިރު، ހުއްދަނެތި ބޭންކިން ހިދުމަތް ދިނުމުގެ މައްސަލައެއްގައި ފުލުހުން ވަނީ ބިދޭސީންތަކެއްގެ އުޅޭ ތަންތަން ފާސްކޮށް ފިޔަވަޅުތައް އަޅަން ފަށާފައެވެ.














