ހައްޖު ކިއުގައި 3 އަހަރުވެފައިވާ އުމުރުން 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ.
މިގޮތަށް ހަމަޖެއްސެވީ ހައްޖު ކިއުގައި ދޮށީ އުމުރުގެ ގިނަ އަދަދެއްގެ މީހުން ތިބުމާއެކު، ފައިސާ ދައްކައިގެން ދިގު މުއްދަތަކަށް އިންތިޒާރުކުރަން ޖެހި، ހައްޖުވުމުގެ ފުރުސަތު ނުލިބިދާނެކަމުގެ ކަންބޮޑުވުން އޮތުމުންނެވެ. އެހެންކަމުން ވީހާވެސް ގިނަ ދޮށީ އުމުރުގެ ބޭފުޅުންނަށް ފަރުޟު ހައްޖު އަދާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ މި ބަދަލުގެ މައިގަނޑު މަގުސަދެވެ.
އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދެއްވާގޮތުގައި، މި އުސޫލު ތަންފީޒުކުރާނީ އެންމެންނަށް ހަމަހަމަކަމާއެކު، އުމުރަށާއި ކިއުއިން ޖާގަ ލިބުނު ތާރީޚަށް ބަލައިގެންނެވެ. މީގެ ސަބަބުން ކޯޓާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފި، ދުވަސްވީ މީހުންނަށް އަވަހަށް ފުރުސަތު ލިބިގެންދާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
އައު އުސޫލުގެ ދަށުން ހައްޖު ކިއުގައި ތިބޭތާ 3 އަހަރު ވެފައިވާ ފަރާތްތައް ކަމުގައި ބަލާނީ 31 ޑިސެންބަރު 2023 ގެ ނިޔަލަށް ހައްޖަށް ދިއުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކެވެ. އަދި 70 އަހަރުން މަތީގެ އުމުރުފުރާ ކަމުގައި ބަލާނީ 31 ޑިސެންބަރު 2026 ގެ ނިޔަލަށް 70 އަހަރު ފުރިފައިވާ ފަރާތްތަކެވެ. މި އުސޫލުގެ ދަށުން 70 އަހަރުން މަތީގެ ޖުމްލަ 324 މީހުންނަށް 1448 ވަނަ އަހަރު ފުރުސަތު ލިބޭނެއެވެ. އޭގެ ތެރޭގައި 75 އަހަރުން މަތީގެ 86 މީހަކު ހިމެނެއެވެ.
މި އުސޫލު ތަންފީޒުކުރި ނަމަވެސް، 1448 ވަނަ އަހަރު ހައްޖަށް ދެވޭނެކަމަށް ކުރިން އަންދާޒާކޮށްފައިވާ 65 އަހަރާއި 69 އަހަރާ ދެމެދުގެ ބޭފުޅުންނަށް ފުރުސަތު ލަސްނުވާނެހެން، އެ އުމުރުފުރާގެ މީހުންނަށް ވެސް ކިޔޫގައި އިސްކަންދެވޭނެއެވެ. އަދި އެފަދަ ފަރާތްތަކާއެކު ދިއުމަށް ފައިސާ ދައްކާފައިވާ އަދި އެ އަހަރު ހައްޖަށް ދެވޭނެކަމަށް އަންދާޒާކުރެވޭ އާއިލާގެ އެއް މެންބަރަކަށް އެކުގައި ދިއުމުގެ ފުރުސަތު ނުގެއްލޭނެ ގޮތަށް އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.
މި އުސޫލުން ފުރުސަތު ލިބޭ ހުރިހާ ފަރާތްތަކަކީ ވެސް މީގެ ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ، ހަމައެކަނި ފަރުޟު ހައްޖު އަދާކުރާ ފަރާތްތަކަށް ވާންޖެހޭނެއެވެ. މި ބަދަލުގެ ސަބަބުން 65 އަހަރުން ދަށުގެ ބައެއް ފަރާތްތަކަށް އަހަރެއްހާ ދުވަހުގެ ލަސްވުމެއް އައި ނަމަވެސް، މިއީ ދޮށީ އުމުރުގެ އެތައް ރައްޔިތުންނަކަށް ލިބުނު ބޮޑު އުންމީދެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ހައްޖު ކިއުގެ ނިސްބަތް ޒުވާން އުމުރުފުރާތަކަށް ބަދަލުވެ، ހުރިހާ ފަރާތްތަކަށް ވެސް ފުރުސަތު އަވަސްވެގެންދާނެއެވެ.











