ރަސްމާލެ ހިއްކުމުގެ ބޮޑު މަޝްރޫޢާ ގުޅޭގޮތުން ކުރީގެ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ކުރެއްވި ސުވާލުތަކާއި ކަންބޮޑުވުންތަކާ ގުޅިގެން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށްވުރެ ބޮޑަށް ޚަލީލް އެ މަޝްރޫޢާ ދެކޮޅު ހެއްދެވުމުން ހައިރާންވެވަޑައިގެންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.
ފަލާޙް މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ސަރުކާރުން ސާފުކޮށްދޭންޖެހޭ ކަންކަން ކަމަށްބުނެ ސުވާލުތަކެއް ފާހަގަކުރައްވައި ޚަލީލް އެކްސްގައި ކުރެއްވި މެސެޖަކަށް ރައްދު ދެއްވަމުންނެވެ.
ޔާމީނަށްވުރެ ވެސް ކުރީގެ ޕޮރިންމިނިސްޓަރ ޚަލީލު ރަސްމާލެ ޕްރޮޖެކްޓާއި ދެކޮޅުވީމަ އަޅުގަނޑު ހައިރާންވެއްޖެ
އަޅުގަނޑަށް ކުރިންހީކުރެވުނީގޯސްކޮށް.— Ibrahim Falah (@IbrahimFalahR) October 12, 2026
ޚަލީލް އެކްސްގައި ކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ޤައުމަށް ބޮޑެތި އިންވެސްޓްމަންޓްތައް ނުގެނެސް ތަރައްޤީގެ ދުވެލި ދެމެހެއްޓުމަކީ ނާދިރު ކަމެއް ކަމަށެވެ. ނަމަވެސް އެފަދަ ބިޔަ މަޝްރޫޢުތައް ހިންގަންވާނީ ރައްޔިތުންނަށް ހާމަކަން ބޮޑު ގޮތެއްގައި ކަމަށާއި، ކޮރަޕްޝަނާއި ފަސާދައިން ދުރުހެލިވެ މަޝްރޫޢު ކާމިޔާބު ކުރެވޭނީ އޭރުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރަސްމާލެ މަޝްރޫޢާ މެދު ރައްޔިތުންގެ މެދުގައި ހުރި ހައްސާސީ ކަންބޮޑުވުންތަކަށް ސަރުކާރުން ސާފު ޖަވާބެއް ދޭންޖެހޭ ކަމަށް ވިދާޅުވެ، ޚަލީލް ވަނީ މުހިންމު ސުވާލުތަކެއް އުފައްދަވާފައެވެ. އޭގެ ތެރޭގައި އެ ބިން ހިއްކުމަށް ދައުލަތުން ކުރި ޚަރަދާއި، ބިމާއި ވަށައިގެންވާ ފަޅުގެ އަގުމަގު ކުރެވުނު ގޮތާއި، އިންވެސްޓްމަންޓުން ލިބޭ އާމްދަނީއާއި ޓެކްސްގެ މައުލޫމާތު އަދި ބިމުގެ މިލްކުވެރިކަމާ ގުޅޭ ކަންކަން ސާފުކުރުން ހިމެނެއެވެ.
ފަލާޙްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޚަލީލް ފަހުން ވިދާޅުވީ، އޭނާ ފާހަގަކުރެއްވީ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެއަށް ބޭނުންވާ ވާހަކައާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބުދާރީވާންޖެހޭނެ ކަމުގެ މުހިންމުކަން ކަމަށެވެ. އަދި އެފަދަ ސުވާލުތަކެއް ކުރުމަކީ މަޝްރޫޢާ ދެކޮޅުވުން ކަމަށް މާނަކުރާނަމަ، ރައްޔިތުން ތިބެންޖެހޭނީ ހަނުތޯ އޭނާ ވަނީ ސުވާލު ކުރައްވާފައެވެ.











