ކުޅުދުއްފުށި ސިޓީގައި ނަފްސާނީ ދުޅަހެޔޮކަމަށް ހިދުމަތްދޭ ހާއްސަ މަރުކަޒެއް ކަމަށްވާ ”މަނަސް ހަބް“ރަސްމީކޮށް ހުޅުވައިފިއެވެ.
މި މަރުކަޒަކީ ނަފްސާނީ ސިއްހަތާ މެދު މުޖުތަމައު ހޭލުންތެރިކުރުވުމަށާއި، ނަފްސާނީ ބަލިތަކާމެދު މުޖުތަމައު ދެކޭ ނުބައި ގޮތްތައް ނައްތާލުމުގެ އިތުރުން، އެފަދަ ކަންކަމުގައި ކުރީބައިގައި އެހީތެރިކަމާއި ފަރުވާ ހޯދުމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ގާއިމުކުރި ތަނެކެވެ.
މި މަރުކަޒު ރަސްމީކޮށް ހުޅުވައިދެއްވީ މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން، ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އަދި ހާއްސަ މެހުމާން، އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް އެވެ.
Kulhudhuffushi City Council officially inaugurated ManasHub, a community-based mental wellbeing centre, dedicated to promoting mental health awareness, reducing stigma, and facilitating access to early support and care.
ManasHub was officially opened by Chief Guest,… pic.twitter.com/XXHSI5XGOU
— Kulhudhuffushi City Council (@kcitycouncil) October 11, 2026
މި ރަސްމިއްޔާތުގައި ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަހުމަދުގެ އިތުރުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޝާޖޭ ޑި އެފެއާޒް މިސްޓަ ކޮންޑޯ ޝުންސުކޭ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި މަރުކަޒު ހުޅުވުމަކީ އެ ސިޓީގައި މުޖުތަމައުގެ ފެންވަރުގައި ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކޮށް، އެންމެންގެ ބައިވެރިވުން ހިމެނޭ އެހީތެރި ވެއްޓެއް ބިނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.












