ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ފިންގަރ ޖެޓީތައް އެޅުމަށްޓަކައި ކުރަންޖެހޭ ކޮލަމް އިންސްޓޯލް ކުރުމުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
ވެރިރަށް މާލޭގެ ތޮއްޖެހުން ކުޑަކޮށް، ބަނދަރުގެ ޖާގަ ތަނަވަސްކުރުމަށް ސަރުކާރުން ހިންގާ މި މުހިންމު މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު އެމްޓީސީސީން ހިއްސާކޮށްފައިވަނީ ’އެކްސް‘ ގައި ކުރި ޕޯސްޓެއްގައިއެވެ.
އެމްޓީސީސީން ބުނެފައިވާ ގޮތުގައި، ކޮލަމް އިންސްޓޯލް ކުރުމުގެ މަސައްކަތުގެ އިތުރުން ރީއިންފޯސްމަންޓާއި ޝަޓަރިންގގެ މަސައްކަތްތައް ވެސް މިހާރު ދަނީ ހަލުވި ދުވެއްޔެއްގައި ކުރިއަށެވެ. މި މަސައްކަތްތަކަކީ ފިންގަރ ޖެޓީތަކުގެ އޮނިގަނޑު ވަރުގަދަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބިނާކުރުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. އަދި މިއީ މަޝްރޫއު ނިންމުމަށް ކަނޑައެޅިފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ލިބޭ ބޮޑު ކުރިއެރުމެކެވެ.
މި މަޝްރޫއަކީ މާލޭގެ އުތުރު ފަރާތު ބަނދަރު ސަރަހައްދު ޒަމާނީ ފެންވަރަކަށް ތަރައްގީކޮށް، މުދާ އުފުލުމާއި ކަނޑުދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަސައްކަތުގެ ދަށުން ބަނދަރަށް ކައިރިކުރާ އުޅަނދުފަހަރަށް ފަސޭހަކަމާއެކު ލަފާފުރުމުގެ އިންތިޒާމު ހަމަޖެހި، މަގުމަތީގެ ޓްރެފިކް ތޮއްޖެހުމަށް ވެސް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މި މަސައްކަތުގެ ސަބަބުން ވިޔަފާރިވެރިންނަށާއި އާންމު ދަތުރުވެރިންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މާލޭގެ މަގުތަކާއި ބަނދަރުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް އިސްކަންދެއްވައިގެން ގިނަ މަސައްކަތްތަކެއް ފަށްޓަވާފައިވާއިރު، އެމްޓީސީސީން އަންނަނީ މި މަޝްރޫއު ކަނޑައެޅިފައިވާ ފެންވަރުގައި އަދި އެންމެ އެދެވޭ މުއްދަތުގެ ތެރޭގައި ނިންމުމަށްޓަކައި ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ.














