ށ. ފޯކައިދޫގައި އިމާރާތްކުރާ އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ މަޝްރޫޢުގެ ދަށުން، އެ އިމާރާތުގެ ފައުންޑޭޝަން ބީމް ޝަޓަރިންގ އާއި ރީއިންފޯސްމަންޓް މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، އިސްލާމީ މަރުކަޒުގެ ބިންގާ ވަރުގަދަކުރުމަށްޓަކައި އަޅަންޖެހޭ ފައުންޑޭޝަން ބީމްތަކުގެ ޝަޓަރިންގ ހެދުމާއި ދަގަނޑު އެތުރުމުގެ މަސައްކަތްތައް މިހާރު ދަނީ ހިންގަމުންނެވެ. މިއީ އިމާރާތުގެ އޮނިގަނޑު އެކުލަވާލުމުގެ މަރުހަލާގައި ކުރިއަށްދާ އެންމެ މުހިންމު އެއް މަސައްކަތެވެ.
ޤައުމު ބިނާކުރުމުގައި ހަރަކާތްތެރިވާ ”ރައްޔިތުންގެ ކުންފުނި“ އެމްޓީސީސީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. އެ ކުންފުނިން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް އެކުންފުނީގެ ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެއެވެ.













