ވިލިމާލޭގައި ކުރިން ހުރި މަސްޖިދުއްސަލާމް ބިންގަނޑުގައި 1،000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ފަދަ ޒަމާނީ ފެންވަރުގެ އާ މިސްކިތެއް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.
މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
ފިޔަ ފައުންޑޭޝަންގެ ދީލަތި އެހީތެރިކަމާއެކު އިމާރާތްކުރާ މި މިސްކިތް ވެގެންދާނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ނަމާދުކުރުމަށް ތަނަވަސް އަދި ފަސޭހަ މާހައުލެއް ފޯރުކޮށްދޭނެ މުހިންމު ބިނާއަކަށެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ، މިއީ ވިލިމާލޭގެ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދިޔަ ކަމެއް ކަމަށާއި، މި މަޝްރޫޢުގެ ސަބަބުން އެ އަވަށުގައި ޖާގަ ތަނަވަސް އަދި ރީތި މިސްކިތެއް ގާއިމުވެގެންދާނެ ކަމަށެވެ.
ދެ ބުރިއަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި ޒަމާނީ މިސްކިތުގައި ނަމާދުކުރާ ބައިގެ އިތުރުން ދެ ކުލާސްރޫމާއި އިމާމުންނަށް ޚާއްޞަ ކޮޓަރިއެއް ހިމެނޭނެއެވެ.














