އީރާނާއެކު ހިނގަމުންދާ ހަނގުރާމައިގައި އެމެރިކާއަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކާއި ޚަރަދުތައް ފޮރުވުމަށް އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓް (ޕެންޓަގަން) އިން މަސައްކަތްކުރަމުންދާކަމަށް ޑިމޮކްރެޓިކް ޕާޓީގެ ސެނެޓަރ ކްރިސް މަރފީ ތުހުމަތުކޮށްފިއެވެ.
ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި މަރފީ ވިދާޅުވީ، މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އޭނާ ވަނުން ޕެންޓަގަން އިން މަނާކޮށްފައިވާ ކަމަށެވެ. ޕެންޓަގަން އިން މިކަން މަނާކުރީ ”ރައްކާތެރި ނޫން“ ކަމަށް ބުނެ ނަމަވެސް، މަރފީ ބުނީ މިއީ ކަނޑައެޅިގެން ހަދާފައިވާ ދޮގެއް ކަމަށާއި، މީގެ ކުރިން ޢިރާޤާއި އަފްޣާނިސްތާނުގެ ހަނގުރާމައިގެ ތެރޭގައިވެސް އޭނާ އެ ޤައުމުތަކަށް ޒިޔާރަތްކުރި ކަމަށެވެ.
އަސްކަރީ މަރުކަޒުތަކަށް ނުވަދެވުނު ނަމަވެސް، ސްޓޭޓް ޑިޕާޓްމަންޓްގެ ހުއްދައާއެކު އޭނާ ވަނީ އެމެރިކާގެ އެމްބަސީއަށް ޒިޔާރަތްކޮށްފައެވެ. މަރފީ ބުނިގޮތުގައި އެމްބަސީއަށް ދިން ޙަމަލާގައި އެތަނަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި އެ ޙަމަލާ ދިނީ ރޭގަނޑު ކަމަށްވުމުން މީހުންނަށް ގެއްލުން ނުވީކަމަށާއި، ދުވާލު އެ ޙަމަލާ ދިންނަމަ އެމެރިކާގެ ގިނަ ބަޔަކު މަރުވީސްކަމަށް އޭނާ ބުންޏެވެ.














