ރާއްޖޭގެ ކްރެޑިޓް ރޭޓިން މޫޑީސްއިން މަތިކުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މާލީ ސިޔާސަތުތަކަށް އަމާޒުކޮށް އިދިކޮޅު ފަރާތްތަކުން ދެއްކީ ހަގީގަތާ ހިލާފު ދެކޮޅު ނުޖެހޭ ވާހަކަތަކެއްކަން ސާބިތުވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ ރާއްޖޭގެ ރޭޓިން ’ސީއޭއޭ2‘ އިން ’ސީއޭއޭ1‘ އަށް މަތިކޮށް، އިގުތިސާދީ އައުޓްލުކް ’ސްޓޭބަލް‘ އަށް މޫޑީސްއިން ބަދަލުކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި މެސެޖެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި ނިންމުމުން ދޭހަވަނީ އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި ގައުމު ވެއްޓިގެންދިޔަ މާލީ އަނދަވަޅުން ސަލާމަތްކުރުމަށް މި ސަރުކާރުން އަޅަމުންދާ ހަރުދަނާ އިސްލާހީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނަން ފަށާފައިވާ ކަމެވެ.
ހާމަވެގެން މިދިޔައީ ރާއްޖޭގެ މާލީ ހާލަތާގުޅޭގޮތުން ކުރީގެ ރައީސުންނާއި ވާދަވެރި އިދިކޮޅު ފަރާތްތަކުން ރައީސް ޑރ @MMuizzu ގެ މާލީ ސިޔާސަތާގުޅޭގޮތުން ދިވެހި ރައްޔިތުންނަށް ވިސްނައި ދެއްވަން މަސައްކަތް ކުރަމުން ދިޔައީ ހަޤީގަތާ ހިލާފު ދެކޮޅު ނުޖެހޭ ވާހަކަ ތަކެއްކަމެވެ.ހައްދަވަމުން… https://t.co/axOK0O2ozP
— Ibrahim Shujau (@IbrahimShujaau) October 9, 2026
މޫޑީސްއިން ރާއްޖޭގެ ރޭޓިން މަތިކުރުމުގައި މައިގަނޑު ސަބަބުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކައި ނިންމުމާއި، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީ އަނބުރާ ދެއްކުމެވެ. މީގެ އިތުރުން މެއި އަދި ސެޕްޓެމްބަރު މަހު ޖުމްލަ 100 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ދައްކައި ނިންމުމާއި، 100 މިލިއަން ޑޮލަރުގެ ޔޫރޯބޮންޑެއް ދެއްކުމުގެ މުއްދަތު 2031 ވަނަ އަހަރަށް ފަސްކުރެވުންވެސް ހިމެނެއެވެ.
މާލީ ވުޒާރާއިން ފާހަގަކުރާ ގޮތުގައި، ސަރުކާރުން އަޅާފައިވާ މި ފިޔަވަޅުތަކުގެ ސަބަބުން ކުރުމުއްދަތެއްގެ ތެރޭގައި ދަރަނި އަދާކުރުމަށް އޮތް ބޮޑު ބުރަ ވަނީ ލުއިވެފައެވެ. އަދި ކައިރި މުސްތަގުބަލެއްގައި ދަރަނި ނުދެއްކިދާނެ ކަމަށް ކުރިން އޮތް ބިރުވެރިކަން ކުޑަވެ، ގައުމުގެ މާލީ ރައްކާތެރިކަން ކަށަވަރުވެގެން ގޮސްފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.














