ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާތަކެއްގައި ތިން މީހުން މަރުވެ، އިތުރު ބަޔަކު ޒަޚަމްވުމާ ގުޅިގެން މެދުކަނޑާލި އެ އެއާޕޯޓުގެ އޮޕަރޭޝަންތައް އަލުން ފަށައި، ވައިގެ ދަތުރުފަތުރު އާންމު ހާލަތަކަށް ގެނެސްފިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން (ގާކާ) އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބުރާސްފަތި ދުވަހު ދިން ހަމަލާތަކުގައި އެއާޕޯޓުގެ ބައެއް ވަސީލަތްތަކަށާއި ޤައުމީ އެއާލައިން، ސަޢޫދިއާގެ ބޯޓަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި މި ހަމަލާތަކުގައި ބައެއް މީހުންނަށް ކުދި އަނިޔާތަކުން ފެށިގެން ބޮޑެތި ޒަޚަމްތައް ލިބިފައިވާ ކަމަށްވެސް ގާކާ އިން ހާމަކުރިއެވެ.
ސަޢޫދިއާ އެއާލައިނުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ހާދިސާގައި އެ އެއާލައިނުގެ ކެޕްޓަނެއް ކަމަށްވާ ޙަމޫދު ޢަލީ އަލްކަލްޘަމީ ވަނީ ނިޔާވެފައެވެ.
ފަހަކަށް އައިސް ހޫޘީން ދެމުންދާ ހަމަލާތަކުގެ މައިގަނޑު އަމާޒަކަށް ވެފައިވަނީ ސަޢޫދީގެ އެއާޕޯޓްތަކެވެ. އެގޮތުން އަބްހާ، ޖިޒާން އަދި ނަޖްރާން އެއާޕޯޓަށްވެސް މި ހަފުތާ ތެރޭގައި އެކިވަރުގެ ހަމަލާތައް އަމާޒުވެފައިވެއެވެ. މީގެއިތުރުން މައްކާއާއި މަދީނާ ފިޔަވައި ސަޢޫދީގެ ވައިގެ ސަރަޙައްދު ބޭނުންކުރާ ކޮންމެ މަތިންދާބޯޓަކީ އަމާޒެއް ކަމަށް ބުނެ، އެ ސަރަޙައްދުން ދަތުރުނުކުރުމަށް ހޫޘީން ވަނީ އެއާލައިންތަކަށް އިންޒާރު ދީފައެވެ.
ހޫޘީން މި ހަމަލާތައް ވަރުގަދަކޮށްފައި މިވަނީ، ރިޔާޟުން ތާއީދުކުރާ ޔަމަނުގެ ސަރުކާރުގެ ލަޝްކަރުން ބާބުލް މަންދަބު ކަނޑުއޮޅީގެ ސަރަޙައްދުތައް މިނިވަންކުރުމަށް ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަނާ ގުޅިގެންނެވެ. މެދުއިރުމަތީގެ މަސްރަޙު ގޯސްވަމުންދާ މި ދަނޑިވަޅުގައި، ސަޢޫދީއާއެކު ވެފައިވާ ދިފާޢީ އެއްބަސްވުމުގެ ދަށުން ޕާކިސްތާނާއި ތުރުކީވިލާތުން ސިފައިން ފޮނުވަން ނިންމާފައިވާއިރު، ޕާކިސްތާނުން މިހާރުވެސް ގިނަ ޢަދަދެއްގެ ސިފައިންނާއި ވަސީލަތްތައް ރިޔާޟްގެ ދިފާޢުގައި ރުކުރުވާލާފައިވާ ކަމަށް އެ ޤައުމުން ވަނީ ބުނެފައެވެ.
ސަޢޫދީ އިސްވެ އޮންނަ ކޯލިޝަނުން ހުކުރު ދުވަހު ބުނެފައިވަނީ، ހޫޘީން ބޭނުންކުރަމުންދިޔަ ރޮކެޓް ފޮނުވާ ތިން ޕްލެޓްފޯމެއް ހަލާކުކޮށްލާފައިވާ ކަމަށާއި، ރައްޔިތުންނަށާއި މަދަނީ ތަންތަނަށް ދޭ ކޮންމެ ހަމަލާއަކަށް ހަރުކަށި ރައްދު ދޭނެ ކަމަށެވެ. އަދި ފާއިތުވި ދުވަސްތަކުގައި ރިޔާޟާއި ޚަމީސް މުޝައިތަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލްތައް ވައިގެ ތެރޭގައި ގޮއްވާލައި ނާކާމިޔާބު ކޮށްލާފައިވާ ކަމަށްވެސް ކޯލިޝަނުން ވަނީ ހާމަކޮށްފައެވެ.














