ޣައްޒާގައި ހަނގުރާމަ ހުއްޓާލިކަން އިޢުލާނުކުރި ފަހުން ވެސް، ޒަޔަނިސްޓު އިސްރާއީލުން ދެމުންގެންދާ ހަމަލާތަކުގައި އެވްރެޖުކޮށް ކޮންމެ 90 މިނެޓަކުން ފަލަސްޠީނުގެ ރައްޔިތަކު ޝަހީދުކޮށް ނުވަތަ ޒަޚަމްކުރަމުންދާ ކަމަށް އެހީދޭ ޖަމާއަތެއް ކަމަށްވާ އިސްލާމިކް ރިލީފުން ހާމަކޮށްފިއެވެ. އިނގިރޭސިވިލާތަށް ނިސްބަތްވާ މި ޗެރިޓީ ޖަމާއަތުން ވަނީ ޣައްޒާގެ އިންސާނީ ހާލަތު އިންތިހާއަށް ގޯސްވަމުންދާތީ، އިސްރާއީލުގެ މި އަނިޔާވެރިކަން ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.
އިސްލާމިކް ރިލީފުން ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް މަދުވެގެން 1,454 ފަލަސްޠީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 5,000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، ޝަހީދުވި މީހުންގެ ތެރޭގައި މަދުވެގެން 320 ކުޑަކުދިން ހިމެނެއެވެ. މިއީ ދުވާލަކަށް ކުއްޖެއްގެ ނިސްބަތެވެ.
ޣައްޒާގެ ސިއްޙަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހަނގުރާމަ ހުއްޓާލި ފަހުން މިހާތަނަށް 1,471 މީހުން ޝަހީދުވެ، 5,189 މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ ތެރޭގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޝަހީދުވި ހަތަރު މީހުންނާއި ޒަޚަމްވި 28 މީހުން ހިމެނެއެވެ. އަދި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ހިންގަމުންދާ ޤަތުލުއާންމުގައި މިހާތަނަށް 74,254 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ.
ފަލަސްޠީނުގެ ވަފާ ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބުރާސްފަތި ދުވަހު ވެސް ޣައްޒާގެ މެދުތެރޭގައި އޮންނަ ދެއިރު އަލްބަލަޙްގެ އިރުދެކުނުން ފަލަސްޠީނު މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އަދި ޚާން ޔޫނިސްގެ ގެއަކަށް ޒަޔަނިސްޓުން ދިން ވައިގެ ހަމަލާއެއްގައި ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ. މީގެއިތުރުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނީންގެ ހުޅަނގުގައި އޮންނަ ޔާމޫންއަށް އިސްރާއީލު ސިފައިން ދިން ހަމަލާތަކެއްގައި 13 އަހަރުގެ ފިރިހެން ކުއްޖެއްގެ ފަޔަށް ބަޑިޖަހައި ޒަޚަމްކޮށްލާފައިވާ ކަމަށް ފަލަސްޠީނުގެ ރެޑް ކްރެސެންޓުން ވަނީ ކަށަވަރުކޮށްދީފައެވެ.
އިސްލާމިކް ރިލީފުން ފާހަގަކުރި ގޮތުގައި، އިސްރާއީލުގެ އަސްކަރީ ކޮންޓްރޯލް އޮންނަ ސަރަޙައްދު ވަކިކުރާ ”ޔެލޯ ލައިން“ ބޭނުންކޮށްގެން، ޣައްޒާގެ 65 އިންސައްތަ ބިމުން ފަލަސްޠީނު ރައްޔިތުން ވަނީ ބޭރުކޮށްލާފައެވެ. އަދި އެ ސަރަޙައްދުގެ 2.1 މިލިއަން މީހުން ވަނީ ބާކީ އޮތް ކުޑަކުޑަ 35 އިންސައްތައިގެ ބިމަށް ޖަމާކޮށް، ތޮއްޖައްސާފައެވެ.
ރައްކާތެރިކަމަށްޓަކައި ނަން ހާމަކޮށްފައިނުވާ އެ ޖަމާއަތުގެ އެހީދޭ މުވައްޒަފަކު ބުނެފައިވަނީ، ހަޤީޤަތުގައި އެއްވެސް ވަރަކަށް ހަނގުރާމަ ހުއްޓާލުމެއް ނެތް ކަމަށާއި، އިސްރާއީލުން އަމާޒުކުރަނީ މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށާއި ރެފިއުޖީ ކޭމްޕުތަކަށް ކަމަށެވެ. އެހެންކަމުން ރައްޔިތުން އަދިވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ.
މީގެއިތުރުން އިސްރާއީލުން ވަނީ ވަގުތީ ހިޔާވަހިކަމަށް ބޭނުންވާ ސާމާނާއި، ތެލާއި، ބޭސްފަރުވާގެ ސާމާނު ޣައްޒާއަށް އެތެރެވުން ހުއްޓުވާފައެވެ. ޣައްޒާގެ އިމާރާތްތަކުގެ 82 އިންސައްތަ ސުންނާފަތިވެ ނުވަތަ ގެއްލުން ލިބިފައިވާއިރު، ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ދެބައިކުޅަ އެއްބައި ވަނީ ހުއްޓިފައެވެ. އަދި ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ 20,000 އަށްވުރެ ގިނަ ބަލިމީހުން ފަރުވާއަށް ޣައްޒާއިން ބޭރަށް ދިއުމުގެ ހުއްދަ ވެސް އިސްރާއީލުން ދީފައެއް ނުވެއެވެ.
އިސްލާމިކް ރިލީފުން ވަނީ އާންމު ރައްޔިތުން ހިމާޔަތްކުރުމަށާއި ބައިނަލްއަޤްވާމީ ޤާނޫނުތައް ނެގެހެއްޓުމަށްޓަކައި އިސްރާއީލަށް ޕްރެޝަރު ބޮޑުކުރުމަށް ދުނިޔޭގެ ލީޑަރުންނަށް ގޮވާލާފައެވެ. އަދި ހަމައެކަނި ނަމެއްގައި އޮންނަ ”ހަނގުރާމަ ހުއްޓާލުމަކީ“ ބައިނަލްއަޤްވާމީ މުޖުތަމަޢުން ފިޔަވަޅު ނާޅައި ތިބުމަށް އޮތް ބަހަނާއަކަށް ވެގެން ނުވާނެ ކަމަށް ވެސް އެ ޖަމާއަތުން ބަޔާންކޮށްފައިވެއެވެ.














