އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުންނާއި، އެމެރިކާގެ ގަލްފް ކޯސްޓަށް އަންނަމުންދާ ތޫފާނެއްގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 4 އިންސައްތަ އުފުލިއްޖެއެވެ.
ތެޔޮ ފީފާއެއްގެ އަގު ވަނީ 4.08 ޑޮލަރު (4.1 އިންސައްތަ) ބޮޑުވެ، 104.28 ޑޮލަރަށް އަރާފައެވެ. މިއީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެޔޮ ސަޕްލައިކުރުމަށް ދަތިވެދާނެކަމުގެ ބިރު ބޮޑުވުމާ ގުޅިގެން އައި ބަދަލެކެވެ.
ތެލުގެ އަގު އުފުލުމާއެކު، ވޯލް ސްޓްރީޓްގެ އެސްއެންޑްޕީ 500 އިންޑެކްސް 0.5 އިންސައްތަ ދަށަށް ގޮސްފައިވާއިރު، ނަސްޑެކް ވަނީ 1.3 އިންސައްތަ ދަށަށް ގޮސްފައެވެ. އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ކޮމްޕިއުޓަރ ޗިޕް އުފައްދާ ކުންފުނިތަކަށެވެ.
ޔޫރަޕްގެ މާކެޓްތައްވެސް ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން ސްޓޮކްސް 600 އިންޑެކްސް 0.75 އިންސައްތަ އަދި ފްރާންސްގެ ކެކް 40 އިންޑެކްސް 0.5 އިންސައްތަ ދަށަށް ދިޔައެވެ. މިކަމުގެ މައިގަނޑު ސަބަބަކީ އިންފްލޭޝަން މަތިވުމާއި ސަރުކާރުތަކުގެ ދަރަނި ބޮޑުވުމުގެ ކަންބޮޑުވުންތަކެވެ.














