އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން އިންތިޚާބުގެ ކުރިން ރަނިންމޭޓުން އިއުލާނު ކުރައްވަމުން ގެންދެވުމަކީ ޕާޓީގެ ސިޔާސީ ބާރުވެރިކަމަށް އަސަރުކުރާނެ ކަމެއް ކަމަށް ވިދާޅުވެ، އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޕާޓީގެ ވަޓްސްއަޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިޚާބަކަށް ނުކުންނައިރު އެހެން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކޮށް އިއްތިހާދުތައް ގާއިމުކުރުމުގެ ފުރުސަތު ހުޅުވިފައި އޮތުން ނުހަނު މުހިންމު ކަމަށެވެ. އަދި ރަނިންމޭޓުގެ މަގާމަކީ އެހެން ޕާޓީތަކާއެކު ކުރެވޭ މަޝްވަރާތަކުގައި އެމްޑީޕީއަށް އޮންނަ ބޮޑު ސިޔާސީ ”ލެވަރޭޖެއް“ ކަމަށާއި، ކެންޑިޑޭޓުން އެ ލެވަރޭޖު ގެއްލޭފަދަ ގޮތަކަށް އަމަލުނުކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، މިހާތަނަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވަނީ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއާއި، ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝަމްހީދު އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމެވެ.
މި ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް ރަނިންމޭޓަކު އިއުލާނު ކުރައްވާފައިވަނީ ފައިސަލް ނަސީމް އެކަންޏެވެ. އޭނާގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ.
ފައިސަލްގެ ދައުވަތު ގަބޫލުކުރެއްވި ސަބަބާ ގުޅޭގޮތުން އާޒިމް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއްގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ނައިބު ރައީސަކީވެސް އެމްޑީޕީގެ މެންބަރަކަށްވުން މުހިންމު ކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ.
އެމްޑީޕީގެ ތާރީޚަށް ބަލާއިރު، ނަޝީދުގެ ފުރަތަމަ ސަރުކާރުގައި ނައިބު ރައީސަކަށް މުހައްމަދު ވަހީދު ހުންނެވި ނަމަވެސް، 2013 ވަނަ އަހަރުގެ އިންތިޚާބުގައި ނަޝީދުގެ ރަނިންމޭޓަކަށް ހަމަޖެއްސެވީ އެމްޑީޕީގެ މެންބަރު މުސްތަފާ ލުތުފީއެވެ.
އޭގެ ފަހުން 2018 ވަނަ އަހަރު އެމްޑީޕީން ކޯލިޝަނަކާއެކު އިންތިޚާބަށް ނުކުތްއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް ހަމަޖެއްސެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ފައިސަލް ނަސީމެވެ. ނަމަވެސް އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހުގެ ރަނިންމޭޓަކަށް ނުކުންނެވީ އެމްޑީޕީގެ މެންބަރު މުހައްމަދު އަސްލަމެވެ.















މިއުޅެނީ ވެރިކަމުގެ ލައްޒަތު ތިމާގެ އަތުން އެއްކޮށް ބީހިދާނޭ މޮޔަ ބޮލަށް އަރައިގެންނެވެ. އެމްޑީޕީ އާންމު މެންބަރުން މިތިބީ ޕާރޓީ ރޫޅަލާފަގޮސް އާޕާރޓީ ހެދި އެކަކުވެސް ނައިބު ރައީސަކަށްވެސް ފުރުސަތު ދޭގޮތަކަށެއް ނޫނެވެ. މުޅި ޕާރޓީން ތިޔަ އެންމެންގެ ބާރު ކަނޑުވާލާނަމެވެ.