މައިންގެ ކާނާއަށް އަންނަ ބަދަލުތަކުގެ ސަބަބުން މައިކިރުގެ މާއްދާތަކަށް ބަދަލުއައިސް، އެކަމުގެ އަސަރު ކުދިންގެ ހެދިބޮޑުވުމަށް ކުރާކަން ސައިންސްވެރިންގެ އާ ދިރާސާއަކުން ދައްކައިފިއެވެ.
އެމެރިކާގެ ނިއުޔޯކް ޔުނިވަރސިޓީގެ ގްރޮސްމަން ސްކޫލް އޮފް މެޑިސިންގެ ސައިންސްވެރިން އިސްނަގައިގެން ކުރިއަށްގެންދިޔަ މި ދިރާސާގައި ބުރުކީނާ ފާސޯ، ޕާކިސްތާން އަދި ކެނެޑާގެ 840 މައިންގެ ގާތުން 1،543 ކިރު ސާމްޕަލް ނަގައިގެން ވަނީ ތަހުލީލުކޮށްފައެވެ. މި ދިރާސާއިން އެނގުނު ގޮތުގައި މައިންގެ ނިއުޓްރިޝަން ދަށްވުމުން ކިރުގައި ހުންނަ މުހިންމު މާއްދާތައް މަދުވެ، ދަރިފުޅު ބޮޑުވުމުގެ މަރުހަލާއަށް އެކަމުގެ ނޭދެވޭ އަސަރުކުރެއެވެ.
މީގެ ކުރިން މުއްސަނދި ގައުމުތަކުގެ ކޭސްތަކަށް ބަލައި ގަބޫލުކުރެވިފައިވަނީ، މަންމައަށް އެކަށީގެންވާ ވަރަށް ކާނާ ނުލިބުނު ކަމުގައިވިޔަސް، ހަށިގަނޑުގައި ހުންނަ ރިޒާވް ބޭނުންކޮށްގެން ކިރުގެ ފެންވަރު ހިފަހައްޓައިދޭ ކަމަށެވެ. ނަމަވެސް މި ދިރާސާއިން އެނގުނު ގޮތުގައި އެ ރައްކާތެރިކަމަށްވެސް ވަކި އިމެއް އޮވެއެވެ. ބުރުކީނާ ފާސޯއާއި ޕާކިސްތާނުގައި ކާނާ މަދު މައިންނަށް އިތުރު ނިއުޓްރިޝަން ސަޕްލިމެންޓް ދިނުމުން، އެ މައިންގެ ކިރުގެ މާއްދާތަކަށް އެދެވޭ ބަދަލުތަކެއް އައިސް، ކުދިންގެ ބޯ ބޮޑުވުމާއި ބަރުދަން އިތުރުވުމުގެ މަރުހަލާ އަވަސްވެގެންދިޔަކަން ފާހަގަކުރެވުނެވެ.
ސައިންސްވެރިން ކިރުގެ ސާމްޕަލްތަކުން 25،000 އަށްވުރެ ގިނަ ކެމިކަލް ސިގްނަލްތައް ތަހުލީލުކުރިއިރު، މައިކިރު އުފައްދާ އުރަމަތީގެ ގްލޭންޑްތައް މަސައްކަތްކުރާގޮތާ ގުޅޭ މުހިންމު 7 މާއްދާއެއް ވަނީ ދެނެގަނެވިފައެވެ. މީގެ ތެރޭގައި ސެލްތަކަށް ހަކަތަ ފޯރުކޮށްދިނުމަށް އެހީވެދޭ ކުދި މޮލެކިއުލްތަކާއި، ޕްރޮޓީން އުފައްދައިދޭ ލައިސީން، ސެލެނިއަމް އަދި ކިރުގައި ހުންނަ ހަކުރުގެ ބައިތައް ހިމެނެއެވެ. މައިންގެ ނިއުޓްރިޝަން ދަށްވުމުން އުރަމަތީގެ ސެލްތަކަށް ލިބޭ ގެއްލުންތައް ރަނގަޅުކުރުމަށް ހަކަތަ ހޭދަވާތީ، ކިރު އުފައްދާ މިންވަރު މަދުވާކަމަށްވެސް ދިރާސާގައި ބުނެފައިވެއެވެ.
މި ދިރާސާއިން އެންމެ ބޮޑަށް ފާހަގަކުރެވުނު އެއްކަމަކީ ވިޓަމިން ބީ5 (ޕެންޓޯތެނިކް އެސިޑް) ގެ މުހިންމުކަމެވެ. ބުރުކީނާ ފާސޯގެ 67 އިންސައްތަ އަދި ޕާކިސްތާނުގެ 55 އިންސައްތަ މައިންގެ ކިރުގައި ވިޓަމިން ބީ5 ހުރީ މަގުބޫލު މިންވަރަށްވުރެ ދަށުގައިކަން އެނގުނުއިރު، ކެނެޑާ ފަދަ ތަރައްގީވެފައިވާ ގައުމުތަކުގައި މި މިންވަރު އުޅެނީ 1 އިންސައްތައަށްވުރެ ދަށުގައެވެ. ވިޓަމިން ބީ5 މަދުވުމުން ކިރުގައި ހުންނަ މުހިންމު ޕްރޮޓީންތަކާއި ކާބޯހައިޑްރޭޓްސް މަދުވެ، ކިރު އުފެއްދުމަށް ހުރަސްއެޅޭކަން ސައިންސްވެރިން ވަނީ ފާހަގަކޮށްފައެވެ.
މި ދިރާސާގެ ހޯދުންތައް ސައިންސް ޖަރނަލްގައި ޝާއިޢުކޮށްފައިވާއިރު، ސައިންސްވެރިން ބުނަނީ މައިކިރަކީ ބަދަލުނުވެ އެއްވަރެއްގައި ހުންނަ އެއްޗެއް ނޫންކަމާއި، އެއީ މަންމަ ކާ ކޭންބުއިމުގެ އަސަރު ސީދާ ފޯރާ އެއްޗެއްކަމެވެ. އަދި ދަރިފުޅަށް ބޭނުންވާ ފުރިހަމަ ނިއުޓްރިޝަން ކިރު މެދުވެރިކޮށް ފޯރުކޮށްދިނުމަށްޓަކައި، ގާތުންދޭ މުއްދަތުގައި މައިންނަށް ސިއްހަތަށް ފައިދާހުރި، މައިކްރޯނިއުޓްރިއަންޓްސް އެކުލެވޭ ކާނާ ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަކީ ނުހަނު މުހިންމު ކަމެއްކަމަށް ދިރާސާވެރިން އިރުޝާދުދެއެވެ.












