ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާގެ ދެ އިންޓަނޭޝަނަލް އެއަރޕޯޓަކަށް ދިން ޙަމަލާތަކެއްގައި 3 މީހަކު މަރުވެ 36 މީހަކަށް އަނިޔާވެއްޖެކަން ސައުދީ ސަރުކާރުން ކަށަވަރުކޮށްދީފިއެވެ.
ޙަމަލާ އަމާޒުވެފައިވަނީ ރިޔާޟްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއަރޕޯޓަށާއި އަބްހާ އެއަރޕޯޓަށެވެ. މި ޙަމަލާތަކުގައި މަރުވެފައިވަނީ އަބްހާ އެއަރޕޯޓުގައި ތިބި މިޞްރާއި އަލްޖީރިއާގެ ރައްޔިތަކާއި، ރިޔާޟް އެއަރޕޯޓުގައި ހުރި ސޫދާނުގެ ރައްޔިތެކެވެ.
ސައުދީ ކޯލިޝަނުން ބުނެފައިވަނީ ރިޔާޟަށް ޙަމަލާދިނުމަށް ހޫޘީން ބޭނުންކުރި މިސައިލް ލޯންޗަރ މިހާރު ގޮއްވާލާފައިވާނެ ކަމަށެވެ. ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސާރިއާ ވަނީ ބައިނަލްއަޤްވާމީ އެއަރލައިންތަކުން ސަޢޫދީގެ ވައިގެ ސަރަޙައްދު ބޭނުންނުކުރުމަށް އިންޒާރުދީފައެވެ. މިދިޔަ ޖުލައި މަހުން ފެށިގެން ޔަމަނުގައި އަލުން ފެށިފައިވާ ވަރުގަދަ ހަނގުރާމައިގެ ސަބަބުން މިހާތަނަށް 200,000 އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާކަމަށް އދ. އިން ވަނީ ހާމަކޮށްފައެވެ.
ސަޢޫދީގެ ޙިމާޔަތް ލިބިފައިވާ ޔަމަނުގެ ރަސްމީ ސަރުކާރުން ދާދިފަހުން ވަނީ ހޫޘީންގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތައް އަތުލުމަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށާފައެވެ. ސަރުކާރުން ބުނާގޮތުގައި ރަތް ކަނޑުގެ އައްސޭރިފަށާއި މުޚާ ސިޓީ މިހާރު ވަނީ އެމީހުންގެ ބާރުގެ ދަށަށް ގެނެވިފައެވެ.














