ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ރާއްޖޭގެ ރަސްމާލޭގައި ހިންގުމަށް ރާވަމުންދާ މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ މަޝްރޫއުގެ ހުރިހާ މަސައްކަތެއްވެސް ބައިނަލްއަގުވާމީ އެންމެ މަތީ މިންގަނޑުތަކާ އެއްގޮތަށް، ނުހަނު ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރު ދެއްވައިފިއެވެ.
ރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަލްއައްބާރު ވިދާޅުވީ، ދުނިޔޭގެ 20 ގައުމެއްގައި އެ ކުންފުނިން މަޝްރޫއުތައް ހިންގަމުންދާއިރު އެއްވެސް ކަމެއް ފޮރުވުމުގެ ވިސްނުމެއް ނެތް ކަމަށާއި، ކަންކަން ކުރިއަށް ގެންދާނީ އިންސާފުވެރި އަދި އެތިކަލް އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އަދި ވޭތުވެދިޔަ 29 އަހަރުގެ ތެރޭގައި އެކި މަޝްރޫއުތައް ހިންގާފައިވާނީ އެންމެންނަށްވެސް ފެންނާނެހެން ހާމަކަން ބޮޑު ގޮތެއްގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެކި ގައުމުތަކުގައި އެ ކުންފުނިން ހިންގި ބިޔަ މަޝްރޫއުތަކުގެ ސަބަބުން އެ މުޖުތަމައުތަކަށް ބޮޑެތި ފައިދާތަކެއް ލިބި، ވަޒީފާގެ އާ ފުރުސަތުތައް ތަނަވަސްވެގެން ގޮސްފައިވާކަން އަލްއައްބާރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މިހާތަނަށް 450 ބިލިއަން ޑޮލަރުގެ މަޝްރޫއުތައް ހިންގަވާފައިވާއިރު، މައިގަނޑު އަމާޒަކީ އެ މަޝްރޫއެއް ހިންގާ ގައުމެއްގެ މުޖުތަމައަށް އެންމެ ބޮޑު މަންފާއެއް ލިބިގެންދިއުން ކަމަށެވެ.
ރަސްމާލެ މަޝްރޫއަށް އަލިއަޅުވާލައްވަމުން އަލްއައްބާރު ވިދާޅުވީ، މި މަޝްރޫއުގެ ތެރެއިން ބޭނުންވާ ތަކެތި ގަތުމާއި، ވަޒީފާއާއި ތަމްރީނުގެ ފުރުސަތުތައް ދިނުމުގައި އިސްކަންދޭނީ ދިވެހިންނަށް ކަމަށެވެ. އަދި ރާއްޖޭގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި އޭނާ ވިދާޅުވީ، މި މަޝްރޫއުގެ މަސައްކަތްތައް ހަވާލުކުރާނީ ދިވެހި ކުންފުނިތަކަށް ކަމަށާއި، ދިވެހި އިންވެސްޓަރުންނަށްވެސް މީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
ދިވެހި މުޖުތަމައަށް އެދެވޭ ފައިދާއެއް ނުކުރާ ނަމަ އެއީ ނާކާމިޔާބު މަޝްރޫއެއްގެ ގޮތުގައި ސިފަކުރައްވަމުން އަލްއައްބާރު ވިދާޅުވީ، ދިވެހިންނަށް މަންފާއެއް ނުލިބޭނެ އެއްވެސް ކަމެއް ކުރެއްވުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ.
އީގަލް ހިލްސްއަކީ ދުނިޔޭގެ 18 އަށްވުރެ ގިނަ ގައުމުގައި އިންވެސްޓްކޮށް، 45 ހޮޓާ ހިންގަމުންދާ މަޝްހޫރު ރިއަލް އެސްޓޭޓް ކުންފުންޏެކެވެ. ދުބާއީގެ ބުރުޖް ޚަލީފާއާއި ދުބާއީ މޯލް ފަދަ ބިޔަ އިމާރާތްތައް ބިނާކުރި އެމާރް ކުންފުނިވެސް ރަސްމާލެ މަޝްރޫއުގައި ބައިވެރިވާނެއެވެ.













