ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް މިއަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށް އެއްކޮށް ހައްލެއް ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާއިރު، މިވަގުތު ބަޔޯމެޓްރިކް އައިޑެންޓިފިކޭޝަނަށް ނުފެނިގެން ހޯދަމުންދަނީ އެންމެ 800 އެއްހާ ބިދޭސީންނެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރިން އަންނަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ތާވަލުކޮށްފައިވީ ނަމަވެސް، އެ މަސައްކަތް އަވަސްކޮށް މިއަހަރުގެ ނޮވެމްބަރު 17 އަށް ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި ފިންގަރޕްރިންޓާއި ބަޔޯމެޓްރިކް މައުލޫމާތު ނެގުމަށް ހޯދަންޖެހޭ 800 އެއްހާ މީހުން މިވަގުތު ރާއްޖޭގައި ތިބިކަން ސީދާ ޔަގީން ކުރެވޭނެ ގޮތެއް ނެތެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން މަރުވެފައިވުން އެކަށީގެންވާ އިރު، އަނެއްބައި މީހުންނަށް ވީނުވީއެއް އެމީހުން ގެނައި ފަރާތްތަކަށްވެސް ނޭނގޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވިިއިރު ދައުލަތުގެ ރެކޯޑުތަކުން ރާއްޖޭގައި 295,000 ބިދޭސީން އުޅޭކަމަށް ދެއްކި ނަމަވެސް، ފިންގަރޕްރިންޓް ނަގައިގެން ދެނެގަނެވިފައިވަނީ އެންމެ 22,000 މީހުންނެވެ. ނަމަވެސް ސަރުކާރުން ފެށި ހަރުދަނާ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 260,000 ބިދޭސީން ދެނެގަނެވިފައިވާއިރު، މިހާރު މައުލޫމާތު ނުނެގި ބާކީ ތިބީ މުޅި ބިދޭސީ އާބާދީގެ އެންމެ އެކެއް އިންސައްތަ މީހުންނެވެ.














