ސިނަމާލެ ބުރިޖުގެ ހައިވޭގައި ކަހާލައިގެން ވެއްޓުނު ސައިކަލެއްގައި ފަހަތުން އައި އެހެން ސައިކަލެއް ޖެހި މިއަދު ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނެއްގެ އަތް ބިންދައިގެން ގޮސް، ޖުމްލަ ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ވެއްޖެއެވެ.
ފުލުހުން މަޢުލޫމާތު ދޭ ގޮތުގައި މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި މި އެކްސިޑެންޓް ހިނގައިގެން ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 16:55 އެހައިކަންހާއިރުއެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކުރިއަށް އިން ސައިކަލު ކަހާލައިގެން މަގުމައްޗަށް ވެއްޓުނު ވަގުތު، ފަހަތުން އައި ސައިކަލަށް ނުހިފެހެއްޓި ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އެ ހޮސްޕިޓަލުން މަޢުލޫމާތު ދޭ ގޮތުގައި އެ އެންމެންގެ ހާލުވެސް މިހާރު ރަނގަޅެވެ. ނަމަވެސް، އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާގެ އަތް ވަނީ ބިންދައިގެން ގޮސްފައެވެ.
މާލެ ސަރަޙައްދާއި ސިނަމާލެ ބުރިޖު ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން އިތުރުވެފައިވާ އިރު، ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ސަރަޙައްދުގައި ދުވާލަކު އެވްރެޖްކޮށް ހަތް އެކްސިޑެންޓް ހިނގައެވެ.














