އޯޕަންއޭއައި އިން ޗެޓްޖީޕީޓީ ބޭނުންކުރާ މީހުންގެ އުމުރު ދެނެގަންނަ ނިޒާމު މަސައްކަތްކުރާ ގޮތުގެ ތަފްސީލު ހާމަކޮށްފިއެވެ. މި ނިޒާމަކީ އެކައުންޓް ހަދާއިރު ލިޔާ އުފަންތާރީޚުގެ އިތުރުން، އެކައުންޓް ބޭނުންކުރާ މީހާއަކީ 18 އަހަރުން ދަށުގެ ކުއްޖެއްތޯ ކަށަވަރުކުރުމަށް އެޅޭ އިތުރު ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.
މި ނިޒާމު މަސައްކަތްކުރަނީ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލްއެއް ބޭނުންކޮށްގެން، އެކައުންޓް ބޭނުންކުރާ މީހާގެ އުޅުމާއި ބޭނުންކުރުމުގެ އާދަތަކަށް ބަލައިގެންނެވެ. އެގޮތުން ވާހަކަދައްކާ މައުޟޫޢުތަކާއި، ޗެޓްޖީޕީޓީ ބޭނުންކުރާ ވަގުތުތަކާއި، އެކައުންޓް ބޭނުންކުރާތާވީ މުއްދަތާއި، ބޭނުންކުރުމުގެ ޕެޓަރންތަކަށް މި ނިޒާމުން ފާރަވެރިވެއެވެ.
އުމުރުން 18 އަހަރުން ދަށުގެ މީހެއްކަމަށް ނިޒާމަށް ފާހަގަކުރެވިއްޖެނަމަ، އެ އެކައުންޓެއް އޮޓޮމެޓިކުން ”ޗެޓްޖީޕީޓީ ފޯ ޓީންސް“ އަށް ބަދަލުވެގެންދާނެއެވެ. މި މޯޑުގައި ކުދިންނަށް އުނގެނުމާއި އުފެއްދުންތެރި ކަންކަމުގައި ޗެޓްޖީޕީޓީ ބޭނުންކުރެވުނު ނަމަވެސް، ބައެއް ފީޗަރުތަކާއި މައުޟޫޢުތަކަށް ވަނުން ލިމިޓްކުރެވެއެވެ.
އުމުރު އޮޅިގެން ކަނޑައެޅިފައިވާނަމަ، ތާޑް ޕާޓީ ޚިދުމަތެއް ކަމަށްވާ ޕާސޯނާ މެދުވެރިކޮށް އައިޑީކާޑު ނުވަތަ ސެލްފީއެއް ބޭނުންކޮށްގެން އުމުރު ކަށަވަރުކުރުމުގެ ފުރުސަތު އޯޕަންއޭއައި އިން ދެއެވެ. އަދި އައިޑީކާޑުގެ މަޢުލޫމާތު ހަތް ދުވަސް ތެރޭގައި ސިސްޓަމުން ފޮހެލެވޭނެކަމުގެ ޔަގީންކަންވެސް އެ ކުންފުނިން ދެއެވެ.











