2009 ވަނަ އަހަރު އެމެރިކާގެ ފޯޓް ހުޑް އަސްކަރީ މަރުކަޒުގައި ބަޑިޖަހައި 13 ސިފައިން މަރާލި އެމެރިކާ ސިފައިންގެ ކުރީގެ މޭޖަރ ނިދާލް މާލިކް ޙަސަންގެ ގަޔަށް ބަޑިޖަހައި މަރާލުމަށް ޕެންޓަގަން އިން ނިންމައިފިއެވެ. މިއީ ފާއިތުވި 65 އަހަރުގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާއިން މީހަކަށް މަރުގެ އަދަބު ދޭން ނިންމި ފުރަތަމަ ފަހަރެވެ.
2009 ވަނަ އަހަރުގެ ނޮވެމްބަރު 5 ވަނަ ދުވަހު، އަސްކަރީ ނަފްސާނީ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ ނިދާލް ޙަސަން ވަނީ، ހަނގުރާމައަށް ފުރުމުގެ ކުރިން މެޑިކަލް ހަދަން ގޮސް ތިބި ސިފައިންތަކަކަށް އަމާޒުކޮށް ބަޑިޖަހާފައެވެ. މި ޙާދިސާގައި 13 މީހުން މަރުވެ 32 މީހުންނަށް އަނިޔާވިއެވެ.
2013 ވަނަ އަހަރު އޮތް ޝަރީޢަތުގައި އޭނާ ވަނީ މިކަން ކުރިކަމަށް އެއްބަސްވެފައެވެ. އޭނާ ބުނިގޮތުގައި މި ޙަމަލާ ދިނީ އިސްލާމީ ޤައުމުތަކުގައި އެމެރިކާއިން ހިންގަމުންދިޔަ އަސްކަރީ އޮޕަރޭޝަންތަކާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.
އޭނާގެ މައްޗަށް މަރުގެ ޙުކުމް އިއްވުމަށްފަހު، މިހާތަނަށް އޭނާ ހުރީ ފޯޓް ލެވެންވޯތު އަސްކަރީ ޖަލުގައެވެ. އަދި އޭނާގެ ފަރާތުން ހުށަހެޅި ހުރިހާ އިސްތިއުނާފެއް 2025 ވަނަ އަހަރު ވަނީ ނިމިފައެވެ. އެމެރިކާގެ ރައީސް މިހާރު ވަނީ މި މަރުގެ ޙުކުމް ތަންފީޒުކުރުމަށް ހުއްދަ ދީފައެވެ.
އެމެރިކާގެ އަސްކަރިއްޔާއިން އެންމެ ފަހުން މީހަކަށް މަރުގެ އަދަބު ދީފައިވަނީ 1961 ވަނަ އަހަރުގައެވެ. އަދި ބަޑިޖަހައިގެން މީހަކަށް މަރުގެ އަދަބު ދީފައިވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު 1945 ވަނަ އަހަރުގައެވެ.














