ރަސްމާލެ ތަރައްޤީކުރުމަށް ވެވުނު 20 ބިލިއަން ޑޮލަރުގެ ތާރީޚީ މަޝްރޫޢު ކުރިއަށްގެންދާ، ޔޫއޭއީގެ މަޝްހޫރު ރިއަލް އެސްޓޭޓް ކުންފުނި އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލާއްބާރު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރާއްޖޭގެ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމުގެ އިތުރުން، މީޑިއާތަކަށް ޚާއްޞަ އިންޓަވިއުތަކެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއަދު މެންދުރުފަހު ވިޔަފާރިވެރިންނާއި ނޫސްވެރިންނަށް ޚާއްޞަ މެންދުރުގެ ފަރިއްކޮޅެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު ފުރާވަޑައިގަންނަވާނީ ހުކުރު ދުވަހުއެވެ.
ރަސްމާލެއިން ހިއްކާ 500 ހެކްޓަރުގެ ބިމުގައި ބައިނަލްއަޤްވާމީ ފެންވަރުގެ މެރީނާއަކާއި ވޯޓާފްރަންޓް މަންޒިލެއް ފަރުމާކޮށް، ތަރައްޤީކޮށް ހިންގުމަށް ސަރުކާރުން އީގަލް ހިލްސްއާއެކު އެއްބަސްވުމުގައި ސޮއިކުރީ ފާއިތުވި ސެޕްޓެމްބަރު މަހުގެ 21 ގައެވެ. މި މަޝްރޫޢުގެ ދަށުން ހިއްކާ ބިމުގެ ބާކީ 600 ހެކްޓަރު ޚާއްޞަކޮށްފައިވަނީ އިޖުތިމާޢީ ބޯހިޔާވަހިކަމަށާއި، ބިމުގެ ޕްލޮޓްތަކަށާއި މުނިސިޕަލް ޚިދުމަތްތަކަށެވެ.
ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ރަސްމާލޭގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ހުޅުމާލޭގައި 5،000 ހައުސިންގ ފްލެޓް އެޅުމުގެ މަސައްކަތް އީގަލް ހިލްސްއިން ފަށާނެއެވެ.
”މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ“ މަޝްރޫޢުގެ ފުރަތަމަ އަހަރު 12 ބިލިއަން ޑޮލަރު އަދި އޭގެ ފަހުން އަހަރަކު 2 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ރާއްޖެއަށް ވަންނާނެ ކަމަށް ސަރުކާރުން އަންދާޒާކުރެއެވެ. މީގެ އިތުރުން ދައުލަތަށް ސީދާ އާމްދަނީގެ ގޮތުގައި 11 ބިލިއަނަށްވުރެ ގިނަ ޑޮލަރު ލިބި، 54،000 އަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
މުހައްމަދު އަލާއްބާރަކީ ދުބާއީގެ މަޝްހޫރު 168 ބުރީގެ ބުރުޖު ޚަލީފާ އަދި ދުބާއީ މޯލް ތަރައްޤީކުރި އެމާރ ޕްރޮޕަޓީސްގެ އިތުރުން އީގަލް ހިލްސްގެ ބާނީ އަދި ވެރިޔާއެވެ. އީގަލް ހިލްސްއިން ދުނިޔޭގެ 18 ޤައުމެއްގައި މަޝްރޫޢުތައް ހިންގަމުންދާއިރު، އޭގެ ތެރޭގައި 45 ލަގްޒަރީ ހޮޓަލާއި މަތީ ފެންވަރުގެ އެކި މަންޒިލްތައް ހިމެނެއެވެ.













