މި އަހަރުގެ ބުރާސްފަތި ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ”އެފްއޭއެމް އެވޯޑްސް 2026“ ހަފްލާގައި، އަހަރުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށްދޭ ”ޓޮޕް ސްކޯރަރ“ ނުވަތަ ރަން ބޫޓު އެވޯޑު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ޤައުމީ ޓީމުގެ ތަރި އަލީ ފާސިރު (ސެންޓޭ) ކާމިޔާބުކޮށްފިކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރަސްމީކޮށް ހާމަކޮށްފިއެވެ.
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން އަލުން އެނބުރި ފުރަތަމަ ޑިވިޝަނަށް އައިސް ހޯދަމުން އަންނަ ބޮޑެތި ކާމިޔާބީތަކުގައި އެންމެ އިސް އަދި އެންމެ މުހިންމު ދައުރެއް އަދާކުރަމުންދާ ކުޅުންތެރިޔަކީ ފާސިރެވެ.
ނިމިދިޔަ ސީޒަނުގައި ކުލަބަށާއި ޤައުމީ ޓީމަށް ކުޅެދީ ފާސިރު ވަނީ ޖުމްލަ 22 ލަނޑު ކާމިޔާބުކޮށްދީފައެވެ. މީގެ ތެރެއިން 19 ލަނޑަކީ ނިއުރޭޑިއަންޓްގެ ޖާޒީގައި އޭނާ ޖަހާފައިވާ ލަނޑުތަކެވެ. އެގޮތުން ދިވެހި ޕްރިމިއަރ ލީގުގައި 12 ލަނޑު ޖަހާފައިވާއިރު، އެފްއޭ ކަޕްގައި ނިއުއަށް ވަނީ 7 ލަނޑު ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން ޤައުމީ ޓީމުގެ ޖާޒީގައި ވެސް އޭނާ ވަނީ ވޭތުވެދިޔަ ސީޒަނުގައި 3 ލަނޑު ޖަހާފައެވެ.
އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އެވޯޑު ފާސިރަށް ކަށަވަރުވެފައިވާއިރު، މި ފަހަރުގެ އެވޯޑް ހަފްލާގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށާއި، ސަޕޯޓަރުންގެ މެދުގައި އެންމެ މަގުބޫލު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ނޮމިނޭޝަން ލިސްޓުގައި ވެސް ފާސިރު ވަނީ ހިމެނިފައެވެ.
ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު އެފްއޭއެމުން އަލުން ބާއްވާ މި އެވޯޑް ހަފްލާގައި ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިންގެ އިތުރުން، ކޯޗުންނާއި ރެފްރީން އަދި ކުލަބުތަކުގެ އަގުވަޒަންކޮށް އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ވަކިވަކި ކުޅުންތެރިންނަށް ދޭ އެވޯޑުތަކުގެ ތެރޭގައި އެންމެ މޮޅު އަންހެން އަދި ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔާގެ އިތުރުން، އެންމެ އުއްމީދީ ކުޅުންތެރިޔާ ވެސް ހޮވުމަށް ވަނީ ނިންމާފައެވެ.














