ރައްޔިތުންގެ މަޖިލީހަށް އިންތިބުހާކުރާ މެންބަރުން މަގާމުން ވަކިކުރުމުގެ ބާރު އެ މެންބަރަކު ހޮވި ރައްޔިތުންނަށް ލިބެންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މިއަދު ވިދާޅުވެއްޖެއެވެ.
މެންބަރު އަޒާން މި މޭރުމުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކިކުރެވޭނެ ހަރުދަނާ އުސޫލުތަކެއް ގާނޫނީ އިމުގެ ތެރެއިން ކަނޑައަޅައި، ރީކޯލް ވޯޓު ނެގޭނެ ގޮތް ހަމަޖައްސައިދިނުމަށް އެދި މަޖިލީހަށް ހުށަހަޅާފައިވާ އީ-ޕެޓިޝަނާ ގުޅޭގޮތުން ކޮމިޓީ މަރުހަލާގައި ވާހަކަދައްކަވަމުންނެވެ. ދާއިރާގެ ވޯޓުލެވޭ ރައްޔިތުންގެ ވަކި އިންސައްތައެއްގެ ސޮޔާއެކު ރީކޯލް ވޯޓަކަށް އެދިއްޖެނަމަ އެ ވޯޓު ނެގޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ އިތުރުން، ހަރަދު ކުޑަކުރުމުގެ ގޮތުން ރީކޯލް ވޯޓާއެކު އާ މެންބަރަކު ހޮވުމުގެ ފުރުސަތު ހިމަނައިދިނުމަށް އެ ޕެޓިޝަންގައި ވަނީ އެދިފައެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުގައި ރައްޔިތުން އިންތިހާބުކުރާ މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ލިބިދީފައިވާކަން ފާހަގަކުރައްވަމުން އަޒާން ވަނީ އިނގިރޭސިވިލާތް ފަދަ ގައުމުތައް މިސާލަކަށް ބައްލަވައިފައެވެ. ރައްޔިތުން އިންތިހާބުކުރާ މެންބަރުން މަގާމުން ވަކިކުރެވޭނެ ފަދަ ގާނޫނެއް އެކުލަވައިލުމަކީ ސަރުކާރުގެ ވައުދެއް ކަމަށާއި މި ދައުރުގެ ތެރޭގައި އެފަދަ ބިލެއް މަޖިލީހަށް ފޮނުއްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވާ ކަމަށް އަޒާން ވިދާޅުވިއެވެ.
އަޒާން ވަނީ މި ބިލުގެ މަސައްކަތްތައް މިހާތަނަށް ގޮސްފައިވާ ހިސާބެއް ބެލުމަށް ބަންޑާރަ ނައިބުގެ އޮފީހަށް ސިޓީއެއް ފޮނުވުމަށް ހުށަހަޅުއްވައިފައެވެ. މި ހުށަހެޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒް ތާއީދުކުރެއްވިއިރު، ކޮމިޓީގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ އެގޮތަށް ފާސްކޮށްފައެވެ.














