ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރާ ބައިނަލްއަގުވާމީ މުއާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ދިވެހިރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް މިއަދު ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މުއާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމަށް ރުހުން ހޯއްދެވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވެވި ސިޓީފުޅު ވަނީ އިއްވައިފައެވެ. މި މުއާހަދާގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން ހެލްތް މިނިސްޓްރީން ތައްޔާރުކޮށްފައިވާ މައުލޫމާތު ކަރުދާސް މަޖިލީހަށް ފޮނުއްވި ކަމަށްވެސް އެ ސިޓީފުޅުގައި ރައީސް ވިދާޅުވެފައިވެއެވެ.
މި މައްސަލަ މިހާރު ވަނީ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފައެވެ. މި މުއާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވާން ވަޒީރުންގެ މަޖިލީހުން ނިންމީ ހުސްވި ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.
5 އެޕްރީލް 2010 ގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކާ ބެހޭ މައި މުއާހަދާ ތަސްދީގުކޮށްފައި އޮތް ނަމަވެސް އެ މުއަހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން މިހާތަނަށް ބައިވެރިވެފައެއް ނުވެއެވެ. އިންސާނީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ ނިޒާމުތަކުގެ ތެރެއިން ރާއްޖެ ރިވިއު ކުރެވުނުއިރު މި ޕްރޮޓޮކޯލް ވީ އެންމެ އަވަހަކަށް ތަސްދީގުކުރުމަށް ގިނަ ރިކޮމެންޑޭޝަންތަކެއް ލިބިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.
މި ޕްރޮޓޮކޯލްގެ މައިގަނޑު މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރާ މުއާހަދާ ފުރިހަމައަށް ތަންފީޒުކުރުން ހަރުދަނާކޮށް ބައިނަލްއަގުވާމީ ފެންވަރުގައި މެންބަރު ގައުމުތައް ޒިންމާދާރުކުރެވޭނެ ނިޒާމެއް އެކަށައެޅުމެވެ.














