މެދުއިރުމަތީގެ ސަލާމަތީ މަސްރަޙަށް އަންނަމުންދާ ބޮޑު ބަދަލެއްގެ ގޮތުން، ތުރުކީ އާއި ޕާކިސްތާނުން ސަޢޫދީ ޢަރަބިއްޔާއަށް ސިފައިންނާއި، ޕައިލެޓުންނާއި، އަދި ވައިގެ ދިފާޢީ ނިޒާމުތައް ފޮނުވުމަށް ތައްޔާރުވެއްޖެއެވެ.
މިކަން ކުރިއަށްދަނީ އަލަށް އެކުލަވާލި ”މައްކާ ޕެކްޓް“ ގެ ދަށުންނެވެ. މިއީ ޔަމަނުގެ ހޫޘީން ސަޢޫދީއަށް ދެމުންދާ ޙަމަލާތަކުން ސަޢޫދީ ސަލާމަތްކުރުމަށް އެކުލަވާލި އެއްބަސްވުމެކެވެ.
ތުރުކީ ސިފައިން މައިގަނޑު ގޮތެއްގައި ޙަރަކާތްތެރިވާނީ ސަޢޫދީގެ އިރުމައްޗާއި ހުޅަނގު ގުޅުވައިދޭ ތެޔޮ ހޮޅީގެ ހުޅަނގު ފަޅި ޙިމާޔަތްކުރުމަށާއި، ރިޔާޟްގެ އިތުރުން މައްކާ އާއި މަދީނާ ދިފާޢުކުރުމަށެވެ. ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި ތުރުކީގެ ސިފައިންނާއި ހަތިޔާރު ސަޢޫދީއަށް ދާން ފަށާނެއެވެ. އަދި އިތުރު ސިފައިން ފޮނުވުމަށް ތުރުކީގެ ޤާނޫނު ހަދާ މަޖިލީހުގެ ހުއްދަ ހޯދާނެކަމަށް ބެލެވެއެވެ.
ރިޔާޟްގައި ބޭއްވި ކުއްލި ބައްދަލުވުމެއްގައި، މި އިއްތިޙާދުގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޕާކިސްތާނުގެ ރިޓަޔަރޑް ޖެނެރަލް ނައުމާން މަޙްމޫދު ވަނީ 3 އަހަރުގެ މުއްދަތަކަށް އައްޔަންކޮށްފައެވެ.
ސަޢޫދީ ކޯލިޝަނުން ޔަމަނުގައި ބޮޑު އޮޕަރޭޝަނެއް ފަށާފައިވީ ނަމަވެސް، ތުރުކީ އާއި ޕާކިސްތާނުން ސަޢޫދީއަށް ފޮނުވާ ސިފައިން ޔަމަނުގެ އެތެރޭގެ ހަނގުރާމައިގައި އެއްވެސް ވަރަކަށް ބައިވެރިނުވާނެކަމަށް ވަނީ ކަނޑައަޅާފައެވެ.














