ނެޝަނަލް ޝޫޓިން ސްޕޯޓްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2026 ގައި ވާދަކުރާ ޕެރަ އެތުލީޓުން މުބާރާތަށް ތަމްރީނުކުރުމުގެ މަސައްކަތް ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ރަސްމީކޮށް ފަށައިފިއެވެ.
މި ތަމްރީނުތައް ކުރިއަށްދަނީ ހުޅުމާލޭ ސްޕޯޓްސް އެރީނާގައި ދާދި ފަހުން ހުޅުވި އައު ޝޫޓިން ރޭންޖުގައެވެ. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މިހާތަނަށް 12 ޕެރަ އެތުލީޓަކު ވަނީ ތަމްރީނުތައް ހަދަން ފަށާފައެވެ. މި އެތުލީޓުންގެ ތަމްރީނުތައް ކުރިއަށް ގެންދަނީ ޝޫޓިން އެސޯސިއޭޝަނުގެ 3 ކޯޗުންގެ ބެލުމުގެ ދަށުންނެވެ.
ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެކްސްކޯ މެމްބަރު އިސްމާއީލް ޝަފީޤް ވިދާޅުވީ، ޕެރަ ޝޫޓަރުން ތަމްރީނުކުރުމުގެ ކަންކަން މުބާރާތް ފެށެންދެން ކޮންމެ ދުވަހަކުވެސް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު އެތުލީޓުންވެސް މުބާރާތާ ގުޅޭނެ ކަމަށް ބެލެވޭތީ، މިއީ ވަރަށް އުންމީދީ މަންޒަރެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެސޯސިއޭޝަނުން ބުނި ގޮތުގައި، ހޯމަ ދުވަހު ފެށި މި ތަމްރީނުތަކުގައި ބައިވެރިވާ އެތުލީޓުންގެ ކިބައިން ފެންނަ ޝައުގުވެރިކަމާއި ޖޯޝަކީ ރާއްޖޭގައި ވަރުގަދަ ޤައުމީ ޕެރަ ޝޫޓިން ޓީމެއް ބިނާކުރުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.
ހުޅުމާލޭ ޝޫޓިން ރޭންޖުގައި ކުރިއަށްދިޔަ ފުރަތަމަ ޕެރަ ޓްރޭނިން ސެޝަން ބައްލަވާލެއްވުމަށް ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯގެ އިތުރުން ރާއްޖޭގެ ޕެރަލިމްޕިކް ކޮމިޓީގެ އިސްވެރިން ވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ޖަޕާނުގެ ސަފީރު ވަނީ ރާއްޖޭގެ ޕެރަ އެތުލީޓުން ދައްކަމުންދާ ހިތްވަރަށާއި ހޯދަމުންދާ ކާމިޔާބީތަކަށް ތައުރީފުކުރައްވައި، އެތުލީޓުންގެ ކުރިއެރުމަށްޓަކައި ޖަޕާނުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ޝޫޓިން އެސޯސިއޭޝަނުން މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 10 ވަނަ ދުވަހުގެ ރޭގަނޑު 23:59 އެވެ. ނެޝަނަލް ޝޫޓިން ސްޕޯޓްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ހުޅުމާލޭ ޝޫޓިން ރޭންޖުގައެވެ.










