ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މާލީ ބަޔާން ހާމަކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެކޮޅު ހަދާފައިވާ ކަމަށް ބުނެ ”އަދަދު“ ނޫހުގައި ޝާއިއުކޮށްފައިވަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ހަބަރެއް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
”އަދަދު“ ނޫހުން ޝާއިއުކުރި ހަބަރާ ގުޅިގެން ރޭ ނެރުއްވި ނޫސްބަޔާނެއްގައި މުންދު ވިދާޅުވީ، ރައީސް މުޢިއްޒުގެ މާލީ ބަޔާނަކީ ފޮރުވިފައިވާ އެއްޗެއް ނޫން ކަމަށާއި އެއީ ބަލަން ބޭނުންވާ ކޮންމެ ރައްޔިތަކަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން ފަސޭހަކަމާއެކު ޕީޑީއެފް ފޯމެޓުގައި މިހާރުވެސް ޑައުންލޯޑް ކުރެވެން ހުރި، އާންމުކޮށް ފެންނަން ހުރި މައުލޫމާތެއް ކަމަށެވެ.
މި މައުލޫމާތު ވެބްސައިޓުގައި ލިބެން ހުންނާނެކަން މީގެ ކުރިން މީޑިއާތައް މެދުވެރިކޮށް ރަސްމީކޮށް އިއުލާންކޮށްފައިވާނެ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
”ރައީސް މުޢިއްޒުގެ އެސެޓް ޑެކްލެރޭޝަންއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި، ބައްލަވާލައްވަން ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށް ވެސް ޕީޑީއެފްއެއްގެ ގޮތުގައި ފަސޭހައިން ޑައުންލޯޑްކޮށްލެވޭ ގޮތަށް މިހާރު ވެސް ހިމެނިފައިވާ މައުލޫމާތެއް. އަދި، މިފަދައިން މި މައުލޫމާތު ވެބްސައިޓުގައި ފެންނަން ހުންނާނެކަން ވެސް ވާނީ މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހަބަރެއްގެ ގޮތުގައި މީޑިއާ މެދުވެރިކޮށް އާންމުކޮށް އިއުލާން ކުރެވިފައި.“ – މުންދު ވިދާޅުވިއެވެ.
މުންދު އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒަށާއި ސަރުކާރަށް އަމާޒުކޮށް ”އަދަދު“ ނޫހުން މެދުނުކެނޑި މިފަދަ ބޮޑެތި ދޮގުތައް ފަތުރަމުން ދަނީ ސިޔާސީ ވަކި މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައި ކަމަށެވެ. އަދި ސިޔާސީ ބޭނުމުގައި ފަތުރާ މިފަދަ ދޮގު މައުލޫމާތުތައް ފާހަގަކޮށް، ރައްޔިތުންނަށް ކަންކަމުގެ ހަގީގަތް ހާމަކޮށްދިނުމުގައި ސަރުކާރުން އެއްވެސް ފަސްޖެހުމެއް ނެތި، ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް މުންދު ވަނީ ދެއްވައިފައެވެ.













