ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަށްފަހު، އެ މުދާ ވިއްކައިގެން ލިބޭ ފައިސާއިން ކުށުގެ ޝިކާރައަކަށްވި ފަރާތްތަކަށް ބަދަލު ނަގައިދެވޭ ގޮތަށް އެކުލަވާލާފައިވާ ބިލެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ކުށް ސާބިތުވުމުން ކުށްކޮށްގެން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމުގެ އިތުރުން، އިސްތިސްނާ ހާލަތްތަކެއްގައި ކުށް ސާބިތުނުވަނީސް ވެސް އެފަދަ މުދާ ދައުލަތަށް ނެގޭނެ އުސޫލުތައް ވަނީ ކަނޑައަޅައިފައެވެ. އަދި ބިލު ގާނޫނަކަށް ވުމުގެ ކުރިން ކޮށްފައިވާ ކުށްތަކުން ހޯދާފައިވާ މުދާ ވެސް ދައުލަތަށް ނެގޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ބިލުގައި މުދާ ނެގޭނެ ކަމަށް ކަނޑައަޅާފައިވާ ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނެނީ:
- ނިރުބަވެރިކަމުގެ ކުށް
- ނިރުބަވެރިކަމަށް ފައިނޭންސް ކުރުމުގެ ކުށް
- މީހަކު މެރުމުގެ ކުށް
- މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް
- މީހުން ޓްރެފިކް ކުރުމުގެ ކުށް
- އެކްސްޕްލޮއިޓޭޝަންގެ އަމަލު އެކުލެވޭ ޖިންސީ ކުށް
- ހަތިޔާރު ޓްރެފިކް ކުރުމުގެ ކުށް
- ފައިސާ އަދި އަގުހުރި އެއްޗެހި ކައުންޓާފީޓް ކުރުމުގެ ކުށް
- އިންސައިޑަރ ޓްރޭޑިން އަދި މާކެޓް މެނިޕިއުލޭޝަންގެ ކުށް
- ކޮރަޕްޝަންގެ ކުށް
- އިންތިޒާމުވެގެން ކުށް ބޮޑެތި ކުށް
- 500،000 ރުފިޔާއިން ފެށިގެން މަތީގެ ފައިސާ ހިމެނޭ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށް
- 100،000 ރުފިޔާއަށްވުރެ މަތީގެ ފައިސާ ހިމެނޭ ފޭރުމާއި ވައްކަމާއި ހިޔާނާތުގެ ކުށް
- 100،000 ރުފިޔާއަށްވުރެ މަތީގެ ފައިސާ ހިމެނޭ ވަގަށް ނަގާފައިވާ ތަކެތި ޓްރެފިކް ކުރުމުގެ ކުށް
- 100،000 ރުފިޔާއަށްވުރެ މަތީގެ ފައިސާ ހިމެނޭ މުދާ ސްމަގަލް ކުރުމުގެ ކުށް
މީގެ އިތުރުން، ބޭރު ގައުމުތައް މެދުވެރިކޮށް ކުށްކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ އުސޫލުތަކުގެ އިތުރުން، ރާއްޖޭގައި އުޅޭ ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުން ކުރާ ކުށްތަކާ ގުޅިގެން އެ މީހުންގެ ގައުމުތަކަށް ބޭނުންވާ ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ އުސޫލުތައް ވެސް މި ބިލުގައި ހިމަނާފައިވެއެވެ. މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ، ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ އަމަލުތަކުން ހޯދާ މާލީ މަންފާ ބޭނުންކުރުން ހުއްޓުވައި، ކުށުގެ ނަފާ ނުލިބޭނެ މަގު ބަންދުކުރުމެވެ.














