އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާ ދައުރުކުރުމުގައި ބޭނުންކުރި، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ އާއިލީ މަސްލަހަތު އޮންނަ ”މޮންޓިލިއަން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް“ ކުންފުނީގެ މައްޗަށް މަނީ ލޯންޑްރިންގގެ ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ގުޅިގެން ހިންގި ތަހުގީގުން ހާމަވި ގޮތުގައި، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ބޮޑު އަދަދެއްގެ ފައިސާ، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ބޭންކް އޮފް މޯލްޑިވްސް ޑޮލަރު އެކައުންޓުގެ 2 ޗެކެއް މެދުވެރިކޮށް އަދީބު މޮންޓިލިއަންގެ އެކައުންޓަށް ވަނީ ޖަމާކޮށްފައެވެ.
އޭސީސީން ބުނި ގޮތުގައި، އެއީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެނގޭނެ ނުވަތަ ޝައްކުކުރެވޭނެ އެކަށީގެންވާ ސަބަބުތަކެއް ހުރި ނަމަވެސް، އެ ދުވަސްވަރު މޮންޓިލިއަން ހިންގުމުގައި އިސްކޮށް ތިބި ފަރާތްތަކުން ވަނީ އެ ފައިސާ އެ ކުންފުނީގެ އެކައުންޓަށް ޖަމާކޮށް ބޭނުންކޮށްފައެވެ. އެހެންކަމުން، އެ ކުންފުނީގެ މައްޗަށް ޖިނާއީ ދައުވާކުރުމުގެ އިތުރުން، އެސްއޯއެފްގެ 2 ޗެކުން ޖަމާކުރި 150,000 އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ވެސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.
މިހާރު އެ ކުންފުންޏަކީ އުވާލުމުގެ މަރުހަލާގައިވާ ކުންފުންޏެއްކަން ފާހަގަކޮށްލަންޖެހެއެވެ.
މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ހިޔާނަތް ހިންގާފައިވެއެވެ. މި ކޮރަޕްޝަންގައި އެންމެ ބޮޑު ތުހުމަތެއް އޮތް 3 ކުންފުންޏަކީ އެސްއޯއެފް އާއި މިލޭނިއަލް ކެޕިޓަލް އާއި މޮންޓިލިއަން އިންޓަނޭޝަނަލްއެވެ. އެ 3 ކުންފުންޏަށް ޑޮލަރު ވިއްކައިގެން ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ 3 ކުންފުނީގެ މައްޗަށް ވެސް ފައިސާ ދައްކަން ކޯޓުން ހުކުމްކޮށްފައިވެއެވެ.
އެސްއޯއެފަކީ އަދީބުގެ ގާތް މީހެއް ކަމަށްވާ، އައްލާމް މުޙައްމަދު ލަޠީފްގެ ކުންފުންޏެކެވެ. މިލޭނިއަލް ކެޕިޓަލަކީ އަދީބުގެ ބޮޑުބޭބެ ހާމިދު އިސްމާޢީލްގެ ކުންފުންޏެކެވެ. މީގެ އިތުރުން މޮންޓިލިއަމް އިންޓަރނޭޝަނަލްއަކީ އަދީބުގެ އާއިލީ ފަރާތްތަކުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.












