އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަކީ ރުންކުރު އަދި އަވަހަށް ރުޅިއަންނަ މީހެއްކަމަށް އަމިއްލައަށް އެއްބަސްވެވަޑައިގެންފިއެވެ. އޭނާގެ މިވާހަކަތަކާ ގުޅިގެން ސިޔާސީ މަޝްރަހުންނާއި އާންމުންގެ ބޮޑު ފާޑުކިއުމެއް އޭނާއަށް ވަނީ އަމާޒުވެފައެވެ.
ރާއްޖެޓީވީ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ފައްޔާޒު ވަނީ ތާކުންތާކު ނުޖެހޭ ވާހަކައެއް މީހަކު ދައްކައިފިނަމަ ލޭކެކި، ރައްދުނުދީ ނުހުރެވޭ ކަމަށާއި އޭނާއަކީ އަވަހަށް ރުޅިއަންނަ ރުންކުރު މީހެއްކަމަށް އަމިއްލައަށް އިއުތިރާފުވެވަޑައިގެންފައެވެ.
ފައްޔާޒު ވިދާޅުވީ އޭނާގެ މޫނު ހައްދަވާފައިވަނީ ރުޅިއާއި ބަހުސްކުރުމުގެ ޝައުގުވެރިކަން ވަންހަނާ ނުކުރެވޭނެ ގޮތަށް ކަމަށެވެ. އަދި އޭނާއަކީ އެއްވެސް ”ފިލްޓަރެއް“ ނެތި ސީދާ ވާހަކަދައްކަވާ ބޭފުޅެއް ކަމަށާއި، އަމަލުތަކުންނާއި ބަސްމަގުން އެކަން ހާމަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، އޭނާއާ ދެކޮޅަށް ވާހަކަދައްކާ މީހުންނަށް ރައްދުދޭނެ ކަމަށް ބުނެ، އޭނާގެ ރުންކުރުކަމަކީ ގުދުރަތީ މިޒާޖު ކަމަށް ސިފަކުރެއްވިއެވެ.
އަމިއްލައަށް ރުންކުރުކަމަށާއި އަވަހަށް ރުޅިއަންނަ މީހެއްކަމަށް އެއްބަސްވެ އޭނާ ދެއްކެވި މި ވާހަކަތަކާ ގުޅިގެން އާންމުންނާއި ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ދަނީ ފައްޔާޒުގެ ގާބިލުކަމާމެދު ވަރަށް ބޮޑަށް ސުވާލު އުފައްދަމުންނެވެ. ގައުމެއްގެ ވެރިކަން ކުރަން ނުވަތަ ބޮޑު ސިޔާސީ ޕާޓީއެއްގެ ލީޑަރެއްގެ ގޮތުގައި ހުންނަވާ ބޭފުޅެއްގެ ކިބައިގައި ހުންނަންޖެހޭ ކެތްތެރިކަމާއި، ހިކުމަތްތެރިކަން އަދި ޑިޕްލޮމެޓިކް ސިފަތައް ފައްޔާޒުގެ ކިބައިގައި ނެތްކަން، އޭނާގެ އަމިއްލަ އިއުތިރާފުން ސާފުވާ ކަމަށް ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.
އާންމު މީޑިއާގައި މިފަދައިން އަމިއްލަ ނަފްސުގެ މައްޗަށް ބާރު ނުފޯރުވޭކަމާއި ރުންކުރުކަން ހާމަކުރުމަކީ އޭނާގެ ސިޔާސީ މަގާމަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ޚިޔާލު ތަފާތުވާ ހާލަތްތަކުގައި އަވަހަށް ރުޅިއައިސްގެން ރައްދުދިނުމާއި އާންމުންނަށް ނުރުހުން ފާޅުކުރުމަކީ ލީޑަރޝިޕް ކޮލިޓީއެއް ނޫންކަމަށާއި، މިއީ ފައްޔާޒުގެ ސިޔާސީ ފްރަސްޓްރޭޝަނާއި ނާގާބިލުކަން ހާމަވާ ކަމެއްގެ ގޮތުގައި އާންމުން ދަނީ ސިފަކުރަމުންނެވެ.












