ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް އޭނާގެ އަމިއްލަ ބޭބެ ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ނުރައްކާތެރި މައްސަލައެއް ފުލުހުންގެ އިދާރާއިން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ކަށަވަރުކޮށްދީފައިވާ ގޮތުގައި ނޯތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރި ކަމުގެ މައްސަލައެއް އެ އިދާރާއަށް ހުށަހެޅުމާ ގުޅިގެން ދަނީ ފުޅާދާއިރާއެއްގައި ބަލަމުންނެވެ. ނަމަވެސް، މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އިތުރު ތަފްސީލެއް އެއިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާގައި އަނިޔާލިބުނު ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ އެ ކުއްޖާގެ އަމިއްލަ ބޭބެއެވެ. އަދި އެ އަމަލު ހިންގި ވަގުތު ވީޑިއޯކޮށް، އެއިން ބައެއް ވީޑިއޯތައް އާންމުވެފައިވާ ކަމަށްވެސް އެކި މަސްދަރުތަކުން މައުލޫމާތު ލިބެއެވެ.
ކުޑަކުދިންނަށް ކުރާ މިފަދަ ޖިންސީ ގޯނާއާއި އަނިޔާތަކުގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދިއުމަކީ އާންމުންގެ މެދުގައި ބޮޑު ކަންބޮޑުވުމެއް އުފެދެމުންދާ ކަމެކެވެ.














